07 Mar 2010, 10:30
14:30
އަރަބިއްޔާ ސްކޫލްގެ ކިޔެވުން ކުރީގެ އެމްއީއެސް ހުރި އިމާރާތަށް ބަދަލުކުރުމަށް އެ ސްކޫލްގެ ބެލެނިވެރިން ނިންމުމާ ގުޅިގެން އެ ސްކޫލްގެ ކިޔެވުން މި ހަފްތާގެ ތެރޭގައި ފަށާގޮތަށް ސްކޫލުން ނިންމައިފި އެވެ.
އަރަބިއްޔާގެ އިމާރާތް ބާވެ، އެ ސްކޫލްގެ ކިޔެވުން ހުއްޓާލަން ޖެހުމާ ގުޅިގެން އެ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން ކިޔެވުން ފެށުމަށް އެމްއީއެސް އާއި އަމީރު އަހުމަދު ސްކޫލުން ކުރެ ސްކޫލެއް އިހްތިޔާރުކުރުމަށް އެޑިއުކޭޝަނުން އަރަބިއްޔާ އަށް ފުރުސަތު ދިނުމާ ގުޅިގެން އެ ސްކޫލްގެ ބޯޑުން ނިންމާފައި ވަނީ އެ ސްކޫލްގެ ބެލެނިވެރިން ހިޔާލެއް ހޯދުމަށެވެ. އެގޮތުން މިއަދު ނެގި ވޯޓުގައި ގާތްގަނޑަކަށް 400 އެއްހާ ބެލެނިވެރިން ބައިވެރިވެ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ފާސްވެފައި ވަނީ ކުރިން އެމްއީއެސް ހުރި އިމާރާތުގައި އަރަބިއްޔާގެ ކިޔެވުން ކުރިއަށް ގެންދިއުމަށެވެ.
ބެލެނިވެރިންގެ ބައްދަލުވުމަށް ފަހު، އެ ސްކޫލްގެ މުދީރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ސަންއެފްއެމްއަށް މައުލޫމާތު ދެވަމުން މިއަދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު އަރަބިއްޔާގެ ބިން ސަރުކާރަށް ނަގައިފައިވާ ކަމަށާއި އަދި މިއަދު އެ ސްކޫލް ބެލެނިވެރިން ނިންމި ނިންމުމާއެކު މި ހަފްތާތެރޭ ސްކޫލްގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި އެއް އަހަރާއި ހަ މަސްދުވަހުގެ ތެރޭ އަރަބިއްޔާގެ ބިމުގައި އާ އިމާރާތެއް އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް އެ ސްކޫލްގެ މުދީރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބް ޝިފާ މުހައްމަދު މިއަދު ވިދާޅުވީ އަރަބިއްޔާގެ ބިމުގައި އިމާރާތެއް އެއްއަހަރު ދުވަހުގެ ތެރޭ އެޅޭނެ ކަމުގެ ޔަގީންކަން ދެއްވެން ނެތް ކަމަށާއި އެކަން ކުރެވޭނީ ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކުގައި ކަމަށެވެ.