ސަން މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށުން ސަން ޓީވީ ޕްލަސްގެ ޚިދުމަތް މިއަދު ދޭން ފަށައިފި އެވެ.

ސަން ޓިވީ ޕްލަސްގެ ފެންނާނީ މީޑިއާ ނެޓުގެ ކޭބަލް ވިއުގައިގެ ޗެނަލް 104 އިންނެވެ.

ސަން ޓީވީ ޕްލަސްގެ ޚިދުމަތް ފެއްޓުމާ އެކު، ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވީ މީޑިއާއެއްގެ ގޮތުގައި ސަން އިން އަދާކުރާ ދައުރު މިހާރަށް ވުރެ ވެސް ފުޅާ ކުރުމަށް، ސަން މީޑިއާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިލްމާސް ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، އަބަދުމެ އިސްލާމް ދީނުގެ އަސާސްތައް ނެގެހެއްޓުމާ އެކު، ގައުމީ މަސްލަހަތަށް އިސްކަންދޭ މީޑިއާއެއްގެ ގޮތުގައި ސަން ދެމި އޮތުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަމަ އެއާ އެކު ގައުމުގެ ސުލްހަ މަސަލަސް ކަމާއި ރައްޔިތުންގެ ހަމަޖެހުމާއި އެއްބައެއްވަންތަކަމަށް އިސްކަން ދިނުމަށް ވެސް ސިޔާމް ވަނީ ސަން މީޑިއާގެ ހުރިހާ މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

ސިޔާމް ވިދާޅުވީ ސަން މީޑިއާ އަކީ އަބަދު ވެސް ތެދު ހާމަކުރުމާ އެކު އިންސާފުވެރި ނޫސްވެރިކަމެއް ކުރާ މީޑިއާއެއްގެ ގޮތުގައި ދެމި އޮތުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ސަން މީޑިއާގެ ތަރައްގީ އާއި ކުރި އެރުމުގައި ސަން މީޑިއާގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވައި އެ ހުރިހާ މުވައްޒަފުންނަށް ސިޔާމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކޭބަލް މެދުވެރިކޮށް ސަން ޓީވީ ޕްލަސްގެ ޚިދުމަތް މިއަދު ދޭން ފެށި ނަމަވެސް މި ޚިދުމަތް ވަރަށް އަވަހަށް ސެޓެލައިޓް މެދުވެރިކޮށް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން ޢަލީ ވިދާޅުވި އެވެ. ސިނާން ވިދާޅުވީ ސަން ޓީވީ ޕްލަސް މެދުވެރިކޮށް މިހާރު މައިގަނޑު ގޮތެއްގައި ފެންނާނީ ސަން އެފްއެމްގެ ޕްރޮގްރާމްތައް ކަމަށެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު(ހިރިގާ) ވިދާޅުވީ ސަން ޓީވީ ޕްލަސްގެ ހަބަރުތަކާއި ރިޕޯޓްތަކަކީ ސަން އޮންލައިން ފަދަ އިން ޒިންމާދާރު ކަމާ އެކު އަދި ގައުމީ މަސްލަހަތަށް އިސްކަންދީގެން ގެންނަ ހަބަރުތަކާއި ރިޕޯޓްތައް ކަމަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަމަ އެއާ އެކު ހަބަރާއި މައުލޫމާތު ފެތުރުމުގައި ސަންގެ ކުޑައިގެ ދަށުގައި ހުރި މީޑިއަމްތަކުން ލީޑިން ދައުރެއް އަދާކުރުމަށް، ސަން މީޑިއާގެ ނިއުސް ޓީމުން، މަސައްކަތް ކުރާނެ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.