20 Jul 2012, 13:12
ދަވްޙާ (ޖުލައި 20) : އިސްލާމީ ގިނަ ގައުމުތަކުގައި މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.
މިއަދަކީ މުލަރޯދަދުވަހުގެ ގޮތުގައި އިއުލާންކުރި އިސްލާމީ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ސައޫދީ އަރަބިޔާ، ކުވައިތު، ޤަތަރު، ބަޙްރައިން އުރުދުން، ސޫދާން، ފަލަސްތީން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔަމަން އަދި ތޫނިސް އެވެ.
މިއަދަކީ މުލަރޯދަ ދުވަސް ކަމަށް ސައޫދީ އަރަބިޔާއިން ކަޑައެޅީ ހަމަލޮލުން އެގައުމަށް ހަނދުސާބިތުވެއްޖެ ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެކު އެވެ.
ނަމަވެސް ގަލްފުގެ ޢަރަބި ޤައުމެއްކަމަށްވާ ޢުމާނުންވަނީ އެޤައުމަށް ހަނދު ނުފެންނާތީ މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސްކަމަށާއި މާދަމާ (ހޮނިހިރު ދުވަހަކީ) އަކީ މުލަރޯދަ ދުވަސްކަމުގައި ހަމަޖައްސާފަ އެވެ. ޢުމާންގެ އިތުރުން ހޮނިހިރު ދުވަސް މުލަ ރޯދަދުވަހުގެ ގޮތުގައި ހަމަޖެއްސިކަން އިޢްލާންކުރި އިސްލާމީ ޤައުމުތަކުގެ ތެރޭގައި ސޫރިޔާ މެލޭޝިޔާ، ޢިރާޤް، ލުބްނާން، އީރާން, އިންޑޮނީޝިޔާ އަދި އެފްރިކާގެ ބައެއް އިސްލާމީ ޤައުމުތައް ހިމެނެ އެވެ. (އަލްޖަޒީރާ)