20 Jul 2012, 10:35
ހަތެއް ފެބުރުއަރީގައި ސަރުކާރު ބަދަލުވުމަށް ފަހު ހަށި ވިއްކަމުން ދިޔަ 21 ތަނެއް ފުލުހުން ބަންދު ކޮށް 81 މީހަކު މީހާތަނަށް ހައްޔަރުކުރި ކަމަށް އިސްލާމިކު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ ދިފާއީ ބާރުތަކާއި ދާހިލީ ވުޒާރާގެ ވަރަށް ބޮޑު އެހީތެރިކަމާއެކު މާލޭގައި ހަށިވިއްކަމުން ދިޔަ 21 ތަނެއް ބަންދުކޮށް 81 މީހުން ހައްޔަރުކުރި ކަމަށެވެ. އެތަން ތަނުން ހައްޔަރުކުރި ބިދޭސީންގެ ތެރެއިން 43 މީހަކު ޑީޕޯޓް ކޮށްފައިވާކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
"ހަތެއް ފެބުރުއަރީގެ ފަހުން އުފެދިގެން ދިޔަ ނިޒާމުގެ ތެރެއިން މިކަމަށް އިޖާބަ ދިނުމުގެ ގޮތުން ދާހިލީވުޒާރާ އާއި ދިވެހި އުއްމަތުގެ ހިތްވަރުގަދަ ފުލުހުންގެ މަސައްކަތްތަކުން މިހާތަނަށް ހަށިވިއްކާ 21 ތަން އަތުލައިގަނެފައިވޭ. މިތަންތަނުން 81 މީހުން ހައްޔަރުކޮށް 43 ބިދޭސީއަކު ޑީޕޯޓް ކޮށްލައިފައިވޭ،" ޝަހީމް ވިދާޅުވި އެވެ.
ފުލުހުންނާއި ހަވާލާދެއްވައި އޭނާ ވިދާޅުވީ ހަށިވިއްކާ ތަންތަނުން ހައްޔަރުކުރި މީހުންގެ ތެރެއިން 17 މީހަކު އަދިވެސް ފުލުހުންގެ ބަންދުގައި ތިބިކަމަށާއި ހަށިވިއްކަމުން ދިޔަ ތަންތަނުން ހޯދާފައިވާ 63000 ދިވެހި ރުފިޔާ އާއި 2640 ޑޮލަރު ފުލުހުން ހޯދާފައިވާ ކަމަށެވެ.
މުޖުތަމައުގައި ހުރި ނޭދެވޭ ކަންކަން ފިލުވާލުމަށް ސަރުކާރުން ވަަރަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްލާމް ދީން ނެގެހެއްޓުމާއި އިސްލާމީ ޝިއާރު ފާޅުކުރަން ޖެހޭ ވަގުތުތަކުގައި އެކަންކަން ކުރުމަށް އެ މިނިސްޓްރީން ފަހަތަށް ނުޖެހޭނެކަމަށެވެ.
"މި މިނިސްޓްރީން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކަންކަން ކޮށްފައިވާނެ." ޝަހީމު ވިދާޅުވި އެވެ.