19 Jul 2012, 23:23
ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ހިންގާ ހާއްސަ މަޝްރޫއު "ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑައިވާސިފިކޭޝަން ޕްރޮގްރާމް (ފަޑިޕް)"ގެ ދަށުން ގއ. ގެމަނަފުށީ ކޯޕަރޭޓިވް އަށް ފައިސާގެ އެހީދީފި އެވެ.
އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެކޮޕްމެންޓް( އިފާޑް)ގެ އެހީގައި ދިން ފައިސާގެ އެހީ ގެމަނަފުށީ ކޯޕަރޭޓިވްއާ މިއަދު ހަވާލުކުރީ އެކަމަށްޓަކައި މިއަދު ވެލާނާގޭ ޕްރެސް ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފަޑިޕް ޕްރޮގްރާމްގެ އަމާޒަކީ ރާްއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ދަނޑުވެރިކަމުގެ ދާއިރާއިން 10 ކޯޕަރޭޓިވްއާއި މަސްވެރިކަމުގެ ދާއިރާ އިން ހަތް ކޯޕަރޭޓިވް އެކުލަވާލައި ހަރަކާތްތެރި ކުރުވުން ކަމަށެވެ. އަދި މިއަދު އެހީ ހަވާލުކުރި ގއ. ގެމަނަފުށީ ކޯޕަރޭޓިވް އަކީ އެ ޕްރޮގްރާމްގެ ދަށުން މީގެ ފަސް މަސް ދުވަސް ކުރިން އުފައްދައި ހިންގަމުން އަންނަ ކޯޕަރޭޓިވް އެއް ކަމަށާއި އެކޯޕަރޭޓިވް އަށް މިއަދު ދިނީ 60،000 އެމެރިކާ ޑޮލަރުގެ އެހީއެެއް ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ ގެނަމަފުށީ ކޯޕަރޭޓިވްއަށް ދިން ފައިސާގެ އެހީ އެކޯޕަރޭޓިވް އިން ބޭނުންކުރާ ގޮތް މިނިސްޓްރީން ވަރަށް ރަނގަޅަށް ބަލަމުންދާނެ ކަމަށާއި ކޯޕަރޭޓިވް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ޓެކްނިކަލް އެހީ ދޭނެ ކަމަށެވެ.
ގެމަނަފުށީ ކޯޕަރޭޓިވް އިން ކުރުމަށް ހަމަޖެހިފައިވާ ކަމަކީ ހިކިކަނޑުމަސް އުފައްދާ ގެމަނަފުށީގެ ފަރާތްތަކުގެ އަތުން މަސްގަނެ، ހިކިކަނޑުމަސް މާކެޓްކުރުމެވެ.
ފަޑިޕް ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވެސް ވަނީ އެއްފަރާތަށް ފައިސާގެ އެހީ ދީފައެވެ. އެއީ ދަނޑުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ އައްޑޫ މީދޫ ކޯޕަރޭޓް ސޮސައިޓީއަށެވެ.