މާދަމާއަކީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ހަނދު ނުފެނު ކަމުގައި ވީނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ހަނދުފެނުމުގެ ރަސްމީ ހަބަރު ލިބިފައިވާތީ މާދަމަ އަކީ 1433 ވަނައަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ.

އިސްލާމިކު މިނސްޓްރީގެ ބަޔާނުގައި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ރޯދަމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކާއި ބައިނަލް އަގުވާމީ އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ވެރިންނަށް ބަރަކާތްތެރި ރޯދަމަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.

"މުޅި އިސްލާމީ އުއްމަތަށް ވެސް މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ އަރިސް ކުރަން. ބަރަކާތްތެރި ރަމަޟާން މަހަކީ މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި ރޫހާނީ މައްސަރެއް. މިމައްސަރަކީ ފަރުލު ރޯދަ ހިފުމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ މައްސަރު އަދި ކީރިތި ގުރުއާން ބާވައިލެއްވި މައްސަރު އެހެންކަމުން މި މާތް މައްސަރުގެ ހެވާއި ދަރުމައާއި ސަވާބު ލިބިގަނެ އަދާކުރާ އަޅުކަންތައް އިތުރުކޮށް މިމަސް އަރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހަށް ރައްޔިތުން ވަރަށް ބޮޑަށް ތައްޔާރުވެފައި ވާކަމަށާއި ހަމައެގޮތަށް ރަމަލާން މަހަށް ތައްޔާރުވުމަށް ޓަކައި ރައްޔިތުންގެ ލުއި ފަސޭހައަށް ސަރުކާރުން ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރައްވާފައިވާކަމަށާއި އެގޮތުން ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމަށާއި އިމާރާތްކުރުމަށް ކުރެއްވި މަސައްކަތްތަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާ ފައެވެ. އަދި މިސްކިތްތަކުގެ ފަންޑަށް ފައިސާ ހޯދުމަށް ހިނގި ޓެލެތޯން ޕްރޮގްރާމާއި އެޕްރޮގްރާމަށް ފައިސާ ހަދިޔާކުރެއްވި ފަރާތްތަކަށް ރައީސް ޝުކުރު ދެންނެވި އެވެ.

މިރޭގެ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ ޝައުބަން މަހުގެ އިރު އޮއްސި ފާގަތިކަމައި ބާއްޖަވެރިކަމުގެ ރޭތަށް ހިމެނޭ ރަމަލާން މަސް އަޅުގަނޑުމެންނާ ބައްދަލު ކޮށްފި ކަމަށާއި ރަހުމަތާއި މަގުފިރަތުގެ ދިންނެވުމުގެ ދޮރުކޮޅުތައް ހުޅުވިއްޖެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަމަލާން މަހުގެ ދުވަސްތައް އަޅުގަނޑުމެންނާއި ބައްދަލުކުރި އިރު ގައުމީ އެއްބައިވަންތަކަމުގެ ސަފުތައް ވަނީ ވަރުގަދަ ކުރަން ޖެހިފައި ކަމަށާއި ރާއްޖޭގެ އިސްލާމީ ވަންތަކަށް ދެމެހެއްޓުމަށް ޓަކައި އެތަށް ގުރުބަނީ އެއް ވާން ޖެހިފައިވާ ކަމށެވެ.

"އެކުވެރިކަމާއި އަހުވަންތަކަށް ދަމަހައްޓައި ދިވެހި ގައުމުގެ ވަހުދަތު ހިފަހައްޓައި ސުލްހަ ވެރިކަން ނެގެހެއްޓުމަށް ޓަކައި އެންމެން އެކަތި ގަނޑަކަށް ވެގެން މިވަނީ މަސައްކަތް ކުރަން ޖެހިފައި. ދިވެހި އުއްމަތަކީ ބޭއިންސާފާއި ބާތިލްގެ ކުރިމަތީގައި ސުކޫތު ވާނެ އުއްމަތެއް ނޫން. އަންނަ ކޮޅިގަނޑެއްގެ ސަބަބުން ސަފުތައް ރޫޅިގެން ދިޔަކަމަށް ވިޔަސް އަލުން ސަފުތައް ރުކުރުވާލާ މިއުންމަތް ނަސްރު ހޯދާނެ،" ޝަހީމު ވިދާޅުވި އެވެ.

މިރޭގެ ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތުގައި ކީރީތި ގުރއާން ކިޔެވުމާއި އަދި ކިޔެވި ދިޔަ އާޔަތްތަކުގެ އަލީގައި ވާހަކަދެއްކެވުން ވެސް ކުރިއަށް ގެންދެވި އެވެ.