19 Jul 2012, 22:38
ސޯފިޔާ (ޖުލައި 19): ބަލްގޭރިޔާގެ ޕޯގަސް އެއަރޕޯޓްގައި އިއްޔެ ދިން ބޮމުގެ ޙަމަލާއެއްގައި އިސްރާއީލުގެ ތިން ޓޫރިސްތަކު މަރުވެފައިވާކަން އިސްރާއީލުގެ ޚާރިޖިއްޔާއިން ހާމަކޮށްފި އެވެ.
އިސްރާއީލުގެ ޚާރިޖިއްޔާގެ ތަރްޖަމާނަކު ވިދާޅުވި ގޮތުގައި މިއީ އިސްރާއީލުގެ ޓޫރިސްޓުން މެރުމަށް ރާވައިގެން ދިން ޓެރަރިސްޓް ޙަމަލާއެކެވެ. އިއްޔެ މިޙަމަލާދީފައި ވަނީ ޕޯގަސް އެއަރޕޯޓަށް ޓޫރިސްޓުން ގެންދިޔަ ބަހެއްގައި ބޮމެއް ގޮއްވާލައިގެންނެވެ. މިބަހުން ދަތުރުކުރި ޓޫރިސްޓުންގެ ތެރޭގައި ގިނައީ އިސްރާއީލު މީހުންނެވެ. މިޙާދިސާއާ ގުޅިގެން ބަލްގޭރިޔާ ސަރުކާރުން ވަނީ ޕޯގަސް އެއަރޕޯޓް ބަންދުކުރުމަށް ފަހު އެއެއަރޕޯޓަށް އަންނަ ފްލައިޓްތައް ވާރްނާ އެއަރޕޯޓަށް ބަދަލުކޮށްފަ އެވެ.
ބަލްގޭރިޔާ ސަރުކާރު ބުނާގޮތުން އިސްރާއީލުގެ ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ބަސް ގޮއްވާލާފައިވަނީ ޕޯގަސް އެއަރޕޯޓްގައި ބަސް ޕާކްކުރާ ސަރަޙައްދުގެ އެތެރެއަށް ވަނުމަށްފަހުގައެވެ. މިޙަމަލާގައި ތިން މީހުން މަރުވެ އިތުރުބަޔަކު ޒަޚަމްވިކަން ބަލްގޭރިޔާގެ ފުލުހުން ހާމަކުރެ އެވެ. އިސްރާއީލު ސިފައިންގެ ޢަސްކަރީ ރޭޑިޔޯ ބުނާގޮތުން މިޙަމަލާދީފައި ވަނީ އިސްރާއީލު ގެ ޓޫރިސްޓުންނަށް އަމާޒުކޮށް މީހަކު ޖާނުންފިދާވެގެންނެވެ. ނަމަވެސް ބަލްގޭރިޔާ ފުލުހުން މިކަން ކަށަވަރުކޮށެއް ނުދެއެވެ. ބަލްގޭރިޔާއަކީ އިސްރާއީލުގެ ޓޫރިސްޓުން ވަރަށް ގިނައިން ޒިޔާރަތްކުރާ ޤައުމެކެވެ. (އަލްޖަޒީރާ)