އައްލާޛިޤިއްޔާ (ޖުލައި 19): ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ސަލާމަތީކަންކަން މިހާރު ހުރިގޮތުން ރައީސް ބައްޝާރުލްއަސަދުގެ ފުރާނަފުޅަށް ނުރައްކާވެފައި ވާތީ ދިމިޝްޤު ދޫކުރެއްވުމަށް ފަހު ބައްޝާރު، އެޤައުމުގެ ބޮޑު ރަށެއްކަމަށްވާ އައްލާޛިޤިއްޔާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ޙަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ބައްޝާރު އައްލާޛިޤިއްޔާ އަށް ބަދަލުވެވަޑައިގެންނެވީ ވެރިރަށް ދިމިޝްޤުގައި އިއްޔެ ގޮއްވާލި ބާރުގަދަ ބޮމުގެ ޙަމަލާއަށް ފަހު ދިމިޝްޤުގެ ސަލާމަތީކަންކަމާ މެދު ޔަގީންކަން ކުޑަވުމުންނެވެ. ދިމިޝްޤުގައި ހުންނަ ސޫރިޔާގެ ގައުމީ ސަލާމަތާ ބެހޭ މައިމަރުކަޒަށް ޖާނުގޮއްވާލައިގެން އިއްޔެ ދިން ބޮމުގެ ވަރުގަދަ ޙަމަލާގައި ބައްޝާރުގެ ސަރުކާރުގެ ޢަސްކަރީ އެންމެ އިސްކޮމާންޑްގެ ހަތަރު މަސްއޫލުވެރިން ކަމަށްވާ ދިފާއީ ވަޒީރު ދާއޫދު ރާޖިޙާ އާއި އޭނާގެ ނައިބު އާސިފް ޝައުކަތާއި ދާޚިލީ ވަޒީރު މުހައްމަދު އައްޝިޢާރުއާއި ބައްޝާރުގެ ޢަސްކަރީ މުސްތަޝާރު ހަސަން އައްތުރްކުމާނީ އާއި ސޫރިޔާގެ ޤައުމީ ސަލާމަތާބެހޭވެރިޔާ ހިޝާމް ބަޚްތިޔާރުވެސްވަނީ އަވަހާރަކޮށްލާފަ އެވެ.

ދިމިޝްޤުގެ ބައެއް ސަރަޙައްދުތަކުގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން މިހާރުހަރަކާތްތެރިވާ ކަމަށާއި އެމީހުން ދިމިޝްޤުން ފައްސާލުމުގައި ސޫރިޔާގެ ސަލާމަތީ ބާރުތައް ނާކިޔާބުވެފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ބައްޝާރު ހިޖްރަކުރެއްވި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ އައްލާޛިޤިއްޔާއަކީ ސޫރިޔާގެ ހުޅަނގު އުތުރުގައި މެޑިޓްރޭނިޔަން ކަނޑަށް އައްސޭރިވާ ގޮތަށް އޮންނަ ބޮޑު ރަށެކެވެ.
1.2 މިލޔަންމީހުންގެ އާބާދީއެއް އޮންނަ މިރަށަކީ ސޫރިޔާގެ އިޤްތިސާދީ އަދި ވިޔަފާރީގެ އެންމެބޮޑު މަރުކަޒެވެ. ސޫރިޔާގެ އެންމެބޮޑު ކަނޑުގެ ބަނދަނރު އޮންނަނީވެސް މިރަށުގަ އެވެ. ބައްޝާރުގެ އުފަންވެވަޑައިގެންނެވި ވިލެޖްކަމަށްވާ އަލްޤަރާދިޙާ އަކީ ވެސް މިރަށުގެ ގަވަރނޭޓަށް ނިސްބަތްވާ ރަށެކެވެ.

ބައްޝާރު އައްލާޛިޤިއްޔާއަށް ބަދަލުވެވަޑައިގެންނެވީ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ޢަސްކަރީ ހަރަކާތްތައް ހިންގުމަށްޓަކައި ކަމަށް ވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް އިތުރު ފަރާތަކުން މިކަން ކަށަވަރުކޮށެއް ނުދެ އެވެ. (ރޮއިޓާސް)