24 Aug 2010, 09:44
14:45
އެމްޑީޕީ ދާއިރަތަކުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް އެޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނާނީ އިލެކްޓްރޯނިކްކޮށް ހަމައެކަނި އެސްއެމްއެސް އިން ވޯޓުލެވޭ ގޮތަށް ކަމަށާއި، މި އިންތިޚާބު ބާއްވާ ދުވަހު އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާނަމަ، އެމީހަކު ވޯޓުލާން ބޭނުންވާ ފޯން ނަންބަރު އެމްޑީޕީ އޮފީހުގައި ރަޖިސްޓްރީކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ނުވަތަ ދާއިރާތަކުގެ މީހުން ވޯޓުލުމުގެ ކުރިން ރަޖިސްޓްރީކުރަން ނުޖެހޭނެކަމަށާއި، އެ މީހެއް ނިސްބަތްވާ ދާއިރާއެއްގެ ކެނޑިޑޭޓުންނަށް ވޯޓުލެވޭނެ އިންތިޒާމް އެމްޑީޕީ ހަރުގޭގައި ހަމަޖެހިގެން ދާނެކަމަށްވެސް އެޕާޓީން ބުނެ އެވެ.
އެމްޑީޕީން މިއަދު ނެރުނު އިޢުލާނެއްގައިވާ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޯޓިންގ ސްޓޭޝަނެއް ޤާއިމްކޮށް، އެރަށެއްގެ އެމްޑީޕީ މެންބަރުންގެ ވޯޓު އެސްއެމްއެސް ކުރާނޭ ވަކި ޚާއްސަ ފޯން ނަންބަރެއް ކަނޑައެޅޭނެ އެވެ. އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ފޯން ނަންބަރު ރަޖިސްޓްރީކޮށްފައިވާ އެއްވެސް ފަރާތަކަށް ވޯޓިން ސްޓޭޝަނެއްގެ ފޯންނަންބަރަކުން ވޯޓު އެސް އެމްއެސް އެއް ނުކުރެވޭނެކަމަށާއި، ވޯޓުލުމަށް ރަޖިސްޓްރީކުރާ ފޯން ނަންބަރަކީ ކޮންމެހެން އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ވެފައިވާ ފޯން ނަންބަރަކަށްވާން ނުޖެހޭނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުދެވޭނީ މިމަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކް އެކަނިކަމަށް އެމްޑީޕީން ބުނެ އެވެ.