މަސް ގަންނަށް ބޭނުންވާ ފަރާތްތަކަށް ހެޔޮއަގުގައި ސިއްހަތަށް ރަނގަޅު މަސް ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިފްކޯ އިން "މިސްކޯ މަސް މާރުކޭޓް" ނަމުގައި މަސް މާރުކޭޓެއް ހުޅުވައިފި އެވެ.

މިފްކޯ މަސް ފިހާރަ އާ ޖެހިގެން މިއަދު ހުޅުވި އެމާރުކޭޓް ހުޅުވައިދިނީ ދެ މަސްވެރި އެކެވެ.

މަސްމާރުކޭޓް ހުޅުވުމަށް ފަހު ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން މިފްކޯގެ މެނޭޖިންގް ޑިރެކްޓާ ހަސަން ޝާފިއު ވިދާޅުވީ އެމާރުކޭޓުން ފަސޭހަކަމާ އެކު މަސްގަނެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި އެ މާރުކޭޓުން ހެޔޮއަގުގައި ކަނޑުމަހުގެ ހުރިހާ ބާވަތެއް ވެސް ލިބެން ހުންނާނެ ކަމަށެވެ.

"މިފްކޯ މަސް މާރުކޭޓުން ކަނޑުމަހާއި ކަންނެލީގެ ބާވަތްތަށް ބޭނުން ސައިޒަކަށް ކަޑައިގެން ގަނެލެވޭނެ. އަނެއްކޮޅުން މިތަނުގެ މައިގަނޑު އަނެއް ފަސޭހައަކަށް ވާނީ ފަސޭހައިން ބޫޓުއި ލެއިކޮޅެއް ޖައްސާނުލާ އަންހެން ބޭފުޅުނަށާއި ފިރިހެން ބޭފުޅުނަށް ވެސް މަސް ގަނެލެވުން،" އިސްމާއިލް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެމާރުކޭޓުން ލިބޭ މަހަކީ ކޮލެޓީ ރަނގަޅު މަސް ކަމަށާއި ހެޔޮއަގުގައި ރައްޔިތުނާއި ހަމައަށް މަސް ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ އެމާރުކޭޓަކީ ދާއިމީ މާރުކޭޓެއް ކަމަށެވެ.

ރޯދަޔާ ދިމަކޮށް މިފްކޯ އިން މަސްމާރުކޭޓެއް ހުޅުވާފައިވާ އިރު އެކުންފުނިން އަންނަނީ ހެޔޮއަގުގައި ރައްޔިތުނަށް މަސްލިބޭނެ ގޮތް ހަދައިދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން ރޯދަޔަށް ހާއްސަ މަސް ފިހާރައެއް ކާނިވާ ސަރަހައްދުގައި ވެސް ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.