19 Jul 2012, 22:15
އުސްފަސްގަނޑުގައި ނަމާދުކުރުމަށް ވަކިން ތަނެއް ހަދަމުންދާތީ އެކަން ހުއްޓުވައި އެތަން ނަގައި ދިނުމަށް ފުލުހުންނާއި ސިފައިންނަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޝެއިޚު މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ އުސްފަސްގަނޑުގައި ނަމާދުކުރާ ތަނެއް ވަކިން ހެދުމަކީ އެއީ މުއުމިނުންގެ ޖަމާއަތުގެ ތެރޭގައި ބައިބައިވުން އުފެދިގެންދާނެ ކަމެއް ކަމަށާއި އެކަން ހުއްޓުވައި އެ މިސްކިތް އެތަނުން ނެގުމަށް ފުލުހުންނާއި ސިފައިންގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ވެސް މިއަދު ލިޔުމުން އަންގާފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޚާއްސަކޮށް ރަމަޟާން މަހާއި ދިމާކޮށް އުސްފަސްގަނޑުގައި މިސްކިތެއް ހަދައިގެން، މީހުން ބައިބައިވެދާ ފަދަ ގޮތަކަށް ކަންތައް ކުރުމަކީ އެއީ "ވަރަށް ގޯސް" ކަމެއް ކަމަށާއި އެކަން ކުރާ ފަރާތްތަކަށް އެކަން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
"އެއީ ވަރަށް ގޯސްކަމެއް. ރަމަޟާން މަހާއި ދިމާކޮށް އުސްފަސްގަނޑުގަ ކީއްވެގެންތޯ ނަމާދުކުރަން މިސްކިތެއް ބިނާކުރަންވީ. އެކަން ކުރިއަށް ގެންދާ ފަރާތްތަކަށް އަޅުގަނޑު ނަސޭހަތްތެރިވަން އެކަން ކުރިއަށް ނުގެންދަން،" ޝަހީމް ވިދާޅުވި އެވެ.
މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު މިރޭ ވިދާޅުވީ ނަމާދުކުރަން ވަކިން މިސްކިތެއް އުސްގަނޑުގައި ހަދާތީ އެކަން ހުއްޓުވައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެ ކައުންސިލަށް މިއަދު ސިޓީއެއް ފޮނުވުމުން އެ ސިޓީގައިވާ ގޮތަށް އަމަލުކުރުމަށް އެދި އެމްޑީޕީއަށް މިއަދު ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ އުސްފަސްގަނޑުގައި ހަދާފައި ހުރީ މިސްކިތެއް ނޫން ކަމަށާއި އެއީ އެތާގައި ޑިއުޓީގައި ތިބޭ މީހުންނާއި އެތަން ބަލަހައްޓަން ތިބޭ މީހުން ތިބުމަށް ހަދާފައިވާ ގެއެއް ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ތަނެއްގައި ވެސް ނަމާދު ކުރެވޭނެ ކަމަށާއި އެގޮތުން އެތާގެ ތެރޭގައި ވެސް ނަމާދު ކުރެވޭނެ ކަމަށެވެ.
"އިސްލާމިކް މިނިސްޓްރީގެ ސިޓީގައި އޮތީ އެކަން ހުއްޓުވައި ދިނުމަށް. އަޅުގަނޑު އޮންނާނެ މިއަދު އެމްޑީޕީއަށް ސިޓީއެއް ފޮނުވާފައި އެ ސިޓީގައިވާ ގޮތަށް އަމަލުކުރުމަށް. އެއީ ޑިއުޓީގައި ތިބޭ މީހުންނާއި އެތަން ބަލަހައްޓަން ތިބޭ މީހުން ތިބޭ ގެއެކޭ. އެގޭގައި ނަމާދު ވެސް ކުރާނެ،" އަލިބެ ވިދާޅުވި އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު މިރޭ ވިދާޅުވީ އުސްފަސްގަޑުގައި މިސްކިތެއް ތައްޔާރު ވެފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން އުޅޭނީ ގާނޫނު އަސާސީގެ ޖާގައިގެ ތެރޭގައި ކަމަށާއި އިސްލާމިކް މިނިސްޓަރު ދައްކާ ވާހަކަތައް އަޑުއަހަން އެހާ ޝައުގުވެރިކަމެއް ނެތްކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ރަމަޟާން މަހުގައި ސިޔާސީ ހަރަކާތްތައް ހިންގާނީ ނަމާދު ކުރަމުން ރޯދަ ވީއްލަމުން ތަރާވީސް ކުރަމުން ކަމަށެވެ. އަދި ދިރާގު ކަންމަތީގައާއި ހުރިހާ ބެރިކޭޑުތައް ކުރިމަތީ ވެސް ރޯދަވީއްލުމާއި ތަރާވީސް ވެސް ހިނގާނެ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.
"އުސްފަސްގަނޑުގަ އެބަހުއްޓޭ މިސްކިތެއް ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ ދިރާގު ކަންމަތީގައި ވެސް ހުރިހާ ބެރިކޭޑުތައް ކުރިމަތީގައި ވެސް ރޯދަ ވީއްލުމާއި ތަރާވީސް ވެސް ހިނގާނެ." ހާމިދު ވިދާޅުވި އެވެ.