19 Jul 2012, 22:06
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ދިރާގުން ކުރިއަށްގެންދާ "ދިރާގު ރޯދަ ހަދިޔާ"ގެ މިފަހަރުގެ ޕްރޮމޯޝަނުގައި ވެސް އަގުހުރި ބޮޑެތި އިނާމްތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ރޯދަމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިފަހަރު ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަނުން ގުރުއަތުން ހޮވިގެން އިނާމު ލިބޭނީ ދިވެހި ކަސްޓަމަރަކަށް ކަމަށާއި އެގޮތުން ޕްރޮމޯޝަން ހިންގުމަށް ހަމަޖެހިފައި ވަނީ ލެކިއުޓް ލައިފް ސުޓައިލާ ގުޅިގެން ކަމަށެވެ.
އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުން "ދިރާގު ބޮޑު ހަދިޔާ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށަން ހަމަޖެހިފައިވާ ކަމަށާއި އެ ޕްރޮމޯޝަނުގެ ދަށުން ޕްރީޕެއިޑް، އަދި ޕޯސްޓް ޕެއިޑް އަދި ފިކްސްޑް ލައިން ކަސްޓަމަރުންނަށް ދިރާގުގެ ހިދުމަތްތައް ބޭނުންކޮށްގެން ބޮޑެތި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
"މި ޕްރޮމޯޝަނުގައި ކަސްޓަމަރުން ފޯނުކޮށްގެން ބޮޑެތި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޕޯސްޓް ޕެއިޑް ކަސްޓަމަރުނާއި ޕްރިޕެއިޑް ކަސްޓަމަރުން ހަދަން މިޖެހޭ ގޮތަކީ ރޯދަމަހުގެ ތެރޭގައި 100ރ. އަށް ވުރެ ގިނަ އަދަދަކަށް ރާއްޖޭގެ ލައިނަކަށް ފޯންކުރަން މިޖެހެނީ. 100ރ.ގެ ކޯލް ކުރައްވާ ކޮންމެ ފަހަރަކު ލަކީ ޑުރޯގައި ބައިވެރިވެވެނީ. ކިތަންމެ ގިނައިން ވެސް 100ރ. ކޯލްކުރައްވައިގެން މިލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ވަނީ، ދެން ފިކުސް ލައިން ކަސްޓަމަރުން 50ރ. ހޭދަކުރުމުން އެ ލަކީޑްރޯގައި ބައިވެރިވެވެނީ. ރޯދަމަސް ނިމުމުން އަޅުގަނޑުމެން ލަކީޑުރޯއަށް ދިޔަ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ނެގޭ ކަސްޓަމަރަކަށް އިނާމް މިލިބެނީ،" އިމްޖާދު ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ ލަކީ ޑްރޯއިން ހޮވިގެން އެއްވަނައަށްދާ ފަރާތަކަށް ލެކިއުޓް ލައިފް ސުޓައިލްގެ ފަރާތުން ހުށައަޅާފައިވާ އައިސްއަލަމާރި އަކާއި ގޭސްއުދުނަކާއި ޑިޝްވޮޝާއެއްގެ އިތުރުން މައިކޮރޯވޭވްއަކާއި ފްޑް ޕުރޮސެސާ އަކާއި ފުލް އެޗްޑީ 3ޑީ ޓީވީއެއްގެ އިތުރުން ބުލޫރޭ ހޯމް ތިއޭޓަރު ސިސްޓަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެއިތުރުން ގުރުއަތުންނެގޭ ނުވަ ފަރާތަކަށް ޕެނަސޮނިކް ބުރޭޑްގެ މިކުސަރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިރާގު ރޯދަ ހަދިޔާތަކުގެ މައުލޫމާތު ދެއްވަމުން ދިރާގުގެ ޕުރޮޑެކްޓް މެނޭޖާ މޯބައިލް މަރިޔަމް ޝީޒްލީން ވިދާޅުވީ ހާރުދަމުގެ ވަގުތުގައި އާއިލާގެ ފަރާތްތަކަށާއި ރައްޓެހިނަށް ގުޅާލުމުގެ މަގުފަހިކޮށް ދިނުމުގެގޮތުން "ދަންވި ދަންވިހެން މިނެޓަކަށް އެންމެ 46 ލާރި"ގެ ނަމުގައި ޕްރޮމޯޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޕުރޮމޯޝަނުގެ ދަށުން ދަންވަރު 1:00 ހެނދުރު 8:00 މިނެޓަށް ދިރާގުގެ ނަމްބަރުތަކަށް ގުޅުމުން ޗާޖްކުރާނީ 46 ލާރި ކަމަށެވެ.
ޝިޒްލީން އަދި ވިދާޅުވީ ރޯދަމަހު ސައުދީއަށް އުމުރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ގުޅާލުމަށް ލުއިފަސޭހަގޮތެއް ހޯދައިދިނުމުގެ ގޮތުން "ސައުދީ އަރަބިއްޔާ އަށް ގުޅުމަށް މިނެޓަކަށް އެންމެ 1.99 ލާރި"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
"ސައުދީ އަށް ވަރަށް ހާއްސަރޭޓެއް މިވަނީ ހަމަޖައްސާފައި. އެގޮތުން އަޅުގަނޑުމެން ހަމަޖައްސާފައިވާ ކޯޑް 019 ޖެއްސުމަށް ފަހު ގުޅުވުމުން މިނެޓަކަށް ޗާޖްކުރާނީ 1.99 ލާރި" ޝިޒްލީން ވިދާޅުވި އެވެ.
ދިރާގުން ބުނީ މިދިޔަ އަހަރު ވެސް ދިރާގުން ކުރިއަށް ގެންދިޔަ މޯބައިލް ކޮންޓެންޓް މޭނިއާ(އެމްސީއެމް) މުބާރާތް މިފަހަރު ވެސް ބަދަލުތަކަކާ އެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބުނީ މިފަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވަނީ "ރަމަޒާން އިން މޯލްޑިވުސް" ތީމަކަށް ބަލައިގެންކަމަށާއި އެގޮތުން މިފަހަރު އެމުބާރާތަށް ހުށައަޅާ ފޮޓޯއާއި ވީޑިއޯއާއި އޯޑިއޯވެސް ހުށައަޅަން ޖެހޭނީ އެ ތީމްގެ ދަށުން ކަމަށެވެ. އަދި ބުނީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިރާގުގެ ސައިޓަށް ވަނުމަށް ފަހު ރަޖިސްޓުރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. މިފަހަރު ވެސް އެންމެ މޮޅު ވީޑިއޯ ވެސް އިމޭޖް ވެސް އޯޑިއޯވެސް ހޮވަން ހަމަޖެހިފައި ވަނީ ޖަޖުންގެ 50 ޕަސެންޓް ވޯޓުނާއި 50 ޕަސެންޓް އެސްއެމްއެސް ވޯޓުނެވެ.
ދިރާގުން ބުނީ އެ މުބާރާތުގެ ތެރެއިން އެންމެ މޮޅު ވީޑިއޯއަކަށް ހޮވޭ ފަރާތަކަށް ޕެނަސޮއިކް ޑިޖިޓަލް ކެމަރާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އޯޑިއޯ ކެޓަގަރީން އެއްވަނަ ހޯދާ ފަރާތަކަށް ސައުންޑޮކް ސިސްޓަމެއް ދިނުމަށް ހަމަޖެހިފައިވާ އިރު އިމޭޖް ކެޓަގަރީން އެއްވަނަ ހޯދާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ ޕެނަސޮނިކް ބުރޭންޑުގެ ކެމަރާއެކެވެ.
ދިރާގުން ބުނީ މިއަހަރު ވެސް ނަމާދު ވަގުތު ހަދުމަކޮށް ދިނުމުގެ ހިދުމަޓް ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ދީނީ އެކިއެކި މައުލޫމާތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގު ދީނީ ހަޒާނާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު ދިރާގުގެ އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.