19 Jul 2012, 21:39
މާލޭގެ އިމާރާތްތަކަށް ކަރަންޓް ދިނުމަށްޓަކައި އިމާރާތްތަކުގައި ވަކިވަކި ޖެނެރޭޓަރު ސެޓްތައް ބަހައްޓައިގެން ހިންގުމާ ބެހޭ ހަރުދަނާ ގަވާއިދެއް އެކުލަވާލުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކޮށްފި އެވެ.
އެންވައިރަންޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެނާޖީ އޮތޯރިޓީން މިއަދު ބުނީ މާލޭގެ ވަރަށް ގިނަ އިމާރާތްތަކުގެ ބޭރުގައި ޖަނެރޭޓަރު ބަހައްޓަައިގެން ހިންގުމުގެ ހުއްދައަށް އެދި ގިނަ ފަރާތްތަކަކުން ހުށަހަޅަމުން ގެންދާތީ އެކަމާ ބެހޭ ގޮތުން އެ އޮތޯރިޓީން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު މެންދުރު ބާއްވައިފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެ އެޮޓޯރިޓީގެ އިތުރުން ހައުސިން މިނިސްޓްރީއާ ޑިފެންސް މިނިސްޓްރީ އާއި ސްޓެލްކޯ އާއި މާލޭ ސިޓީ ކައުންސިލް އަދި އެންވައިރަންމަންޓަލް ފޮރޮޓެކްޝަން އެޖެންސީގެ ފަރާތުން ވަނީ ބައިވެރިވެފަ އެވެ.
ތޮއްޖެހިފައިވާ މާލޭގެ އިމާރާތްތަކުގައި ހާއްސަކޮށް ބޮޑެތި އިމާރާތްތަކުގައި އެ އިމާރާތަކަށް ބޭނުންވާ 100 ޕަސެންޓް ލޯޑު ނެގޭ ވަރުގެ ޖެނެރޭޓަރުތައް ބަހައްޓަައި ހިންގުމުން ތިމާވެށީގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކާ ބެހޭ ގޮތުން އެ ބައްްދަލުވުމުގައި މަޝްވަރާކުރި ކަމަށް އެނާޖީ މިނިސްޓްރީން ބުންޏެވެ.
މާލެއަކީ ގިނަ އަދަދަކަށް ފްރޯޒެން ފުޑް ރައްކާކޮށްފައި ބަހައްޓާ ތަންތަން (ކޯލްޑް ސްޓޯރޭޖް) ގިނަ ރަށަކަށް ވާތީ އެފަދަ ތަންތަނަށް މެދުނުކެނޑި ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއް ކަމުގައި މާލޭ ސިޓީ ކައުންސިިލުން އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެ އެވެ.
ސްޓެލްކޯގެ ފަރާތުން ބުނީ އިމާރާތްތަކުގައި ޖެނެރޭޓަރު ބަހައްޓަައިގެން ހިނގުމުގެ ހުއްދަ ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ހުއްދަ ދޭންވާނީ ސްޓެލްކޯ އިން ކަރަންޓް ކެނޑޭ ހާލަތްތަކުގައި ސްޓޭންޑްބައި ޖެނެރޭޓަރުގެ ގޮތުގައި ހިންގުމަށް ޓަކައި އެކަނި ކަމަށެވެ. އަދި ކުރިން މާލެ އިން ކަރަން ކެނޑެމުންދާ ގޮތަށް މިހާރު ކަރަންޓް ކެނޑެމުން ނުދާނެ ކަމުގެ ޔަގީން އެބައޮތް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ހުރިހާ ފަރާތްތަކުން ވެސް ފާހަގަކުރީ އިމާރާތްތަކަށް ކަރަންޓް ދިނުމަށް އެތަންތަނުގައި ސްޓޭންޑްބައި ޖެނެރޭޓަރު ހިންގުމުގެ ހުއްދަ ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ހުއްދަ ދިނުމުގައި ތިމާވެށީގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ކަނޑައެޅިފައިވާ މިންގަނޑުތަކަކަށް ފެތޭ ގޮތަށް ހުއްދަ ދިނުމަކީ މުހިންމު ކަމުގެ މައްޗަށް ވެސް ބައިވެރިން ވާހަކަދެއްކި އެވެ. އަދި އެކަށީގެންވާ ގޮތެއްްގައި އެތަން މޮނީޓާ ކުރެވޭނެ ގޮތެއް ހަމަޖައްސާފައި އޮތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރި އެވެ.
އެނާޖީ އޮތޯރިޓީން ބުނީ އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ހިޔާލުތަކަށް ރިއާޔަތްކޮށް އެކަމާ ބެހޭ ގޮތުން ގަވާއިދެއް ޑްރާފްޓް ކުރުމަށް ފަހު އެފަރާތްތަކަށް ހިޔާލު ހޯދުމަށް ފޮނުވުމަށް އެޖާނީ އޮޓޯރިޓީން ނިންމާފައިވާ ކަމަށް ވެސް އެނާޖީ މިނިސްޓްރީން ބުންޏެވެ.