އެމްޑީޕީން މުޒާހަރާ ކުރަމުން އަންނަ ދަރުބާރުގެ ފުރަގަހުން އޮންނަ އުސްފަސްގަނޑުގައި ހުރި މުދަލާއި ތަކެތި ހުސްކުރަން ހަތް ދުވަހުގެ ނޯޓިސްއެއް ހައުސިން މިނިސްޓްރީން ދީފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އުސްފަސްގަނޑު ތަރައްގީ ކުރުމަށް ރޭވިފައިވާ ޕްލޭންގެ ދަށުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި އެއްވެސް އަމިއްލަ ފަރާތެއްގެ މުދާ ހުރި ނަމަ އަންނަ ހޯމަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެތަކެތި އެތަނުން ނެގުމަށް އަންގާކަމަށްވެސް އިއުލާނުގައިވެ އެވެ.

ދަރުބާރުގެ ފުރަގަހުން އޮންނަ އުސްފަސްގަނޑު އެމްޑީޕީއަށް ދީފައިވަނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ކެބިނެޓުން މިހާރު ނިންމާފައިވަނީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ބިންތައް ރަނގަޅު ގޮތުގައި ބޭނުން ކުރަމުން ނުދާތީ އެތަންތަން އަބުރާ ސަރުކާރަށް ނެގުމަށެވެ. އެގޮތަށް ނިންމާފައިވާއިރު މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އުސްފަސްގަނޑު އެމްޑީޕީގެ އަތުން އަތުލުމަށް ފުލުހުން މެދުވެރިކޮށްވެސް ހައުސިން މިނިސްޓްރީން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ މައްސައްކަތް މިހާތަނަށް ކާމިޔާބުނެވަފައެއްނުވެ އެވެ.

އުސްފަސްގަނޑު ހުސްކުރަން ހައުސިން މިނިސްޓްރީން ހަތް ދުވަހުގެ ނޯޓިސް ދެމުން ބުނެފައިވަނީ އެ ސަރަހައްދު ސާފުކުރަން ނިންމާފައިވަނީ އިއުލާންކޮށްގެން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކަމަށެވެ. އެތަން ސާފުކުރާނެ ފަރާތެއް ހޯދުމަށް އަންނަ ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓްގައި އިއުލާން ކުރާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
އުސްފަސްގަނޑު އެމްޑީޕީން ބޭނުން ކުރަމުން އަންނަތާ މިހާރު ވަނީ ތިން މަހާއި ގާތްވެފަ އެވެ. އެމްޑީޕީން އެ ސަރަހައްދުގައި ގޮނޑިއަޅައިގެން ތިބެ ސިޔާސީ ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.