ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގެ ވެރިކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ހައްޔަރު ކުރި މައްސަލައެއްގައި ޑިފެންސް މިނިސްޓްރީގެ އިސްވެރިއަކަށް އޭރު ހުންނެވި، ރައީސް މައުމޫނާއި އޭރުގެ ޑިފެންސް މިނިސްޓްރީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންތަކެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭނާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބުރާ ވިދާޅުވީ ރައީސް މައުމޫންގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރަން ހުށަހެޅުއްވީ އޭރުގެ ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ހުންނެވި އަންބަރީ އަބްދުއްސައްތާރާއި ފުލުހުންގެ ވެރިއަކަށް އޭރުގަ ހުންނެވި އާދަމް ޒާހިރުގެ މައްޗަށް ކަމަށެވެ.

އިބްރާ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުވާ ކުރެވޭ އިރު ރައީސް މައުމޫނާއި އަންބަރީ އަބްދުއްސައްތާރާއި އާދަމް ޒާހިރުގެ މައްޗަށް ވެސް އެ ދައުވާ ކުރެވެން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި އެދުވަސް ވަރު އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެ އޮފީހުން އެއިރު އެބޭފުޅުންގެ މައްޗަށް ދައުވާ ނުކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ އިދާރާއަށް އެ މައްސަލަ ހުށަނޭޅުއްވީ އެއީ ފުލުހުންނާއި ވެސް ގުޅުން ހުރި މައްސަލައަކަށް ވާތީ ކަމަށެވެ. އަދި ވިދާޅުވީ ހިޔުމަންރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ދެތަނުން ބެލެނީ ހަމައެކަނި އެ ދެތަން އުފެދުނު ފަހުން ހުށަހެޅޭ މައްސަލަތަައް ކަމަށްވާތީ އެ ދެތަނަށް ވެސް އެ މައްސަލަ ހުށަހެޅެން ނެތްކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެމްޑީޕީން މިހާތަނަށް ކުރި އެކިއެކި މުޒާހަރާތަކުގައި މިހާތަނަށް 800 ވަރަކަށް މީހުން ގާނޫނާއި ޚިލާފަށް ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ވަކިވަކިން ބަލައި އެމީހުން ހައްޔަރު ކުރުމުގައި ބައިވެރިވި 36 މީހެއްގެ މައްޗަށް ވެސް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުވާ ކޮށްދިނުމަށް މިއަދު ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.