19 Jul 2012, 16:43
މަގުމަތި ދޫކޮށްލުމަށް ފަހު އިހުލާސްތެރިކަމާ އެކު މަޝްވަރާތަކަށް އައުމަށް ހުރިހާ ލީޑަރުންނަށްވެސް ސަރުކާރުން މިއަދު ގޮވާލައިފި އެވެ.
ބައިނަލް އަގުވާމީ ދުނިޔޭން އަންނަނީ ސިޔާސީ ޕާޓީތަކުގެ މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމަށް ރާއްޖެއަށް ކެޑިނޭޅި ގޮވާލަމުންނެވެ.
އެ ގޮވާލުންތަކާ ގުޅިގެން ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސުލްހައިގެ މަޝްވަރާގެ މޭޒުދަށަށް އައުމަކީ ސަރުކާރުން މަރުހަބާ ކިޔާނެ ކަމެއް ކަމަށާއި ސިޔާސީ ވެރިންގެ މަޝްވަރާއިން ނިންމާ ކަންތައްތަކަށް ސަރުކާރުން ފުރިހަމަޔަށް އިހުތިރާމު ކުރާނޭ ކަމަށެވެ.
"ސަރުކާރުން ސުލްހައިގެ ވާހަކަތަކުގައިވެސް އިސްނަގާފައި ވާނީ، އެގޮތައް ސަރުކާރުގެ ސްޓޭންޑް މިއަދުވެސް ބަދަލެއް ނުވޭ، މަޝްވަރާކޮށްގެން ހޯދޭ ކޮންމެ ހައްލަކަށް ރައީސް ޑރ. ވަހީދު ހުންނެވީ އެއްބަސްވެ ވަޑައިގެން، އެކަމަކު އޭގެ ކުރިން މަގުމަތި ދޫކޮށްލާ އިހުލާސްތެރިކަމާ އެކު މަޝްވަރާއަށް އައުން އޮތް ގޮތަކީ، އެކަމަށް އަޅުގަނޑުމެން ސަރުކާރުން މިގޮވާލަނީ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މަގުމަތީގައި ފުލުހުންނާއި ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން ޕާޓީތަކުގެ މެދުގައި ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެ ކަންބޮޑުވުން އެގޮތައް އޮތްހާ ހިދަކު ރައީސް ޑރ. މުހަންމަދު ވަހީދު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"ރައީސް ކަންތައްތައް ކުރައްވަނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވައިގެން، އެމްޑީޕީން އެ ހިންގާ އަމަލުތަކުގެ ސަބަބުން ޕާޓީތަކުގެ ކަންބޮޑުވުން އެކަމުގައި ވަނީ ފާޅުކޮށްފައި، އެހެންކަމުން އެ ހަރަކާތްތައް ކުރިއަށް ދަންޏާ ރައީސް އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ،" އައްބާސް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ ދާދިފަހުން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ ވާހަކަތައް އެހެން ގޮތަކަށް ބަދަލުކުރަން ޖެހޭ ކަމަށާއި އެގޮތުން ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ދާދިފަހުން ރާއްޖެ ވަޑައިގެންނެވި އެމެރިކާއިން ސަފީ ރުވެސް ވަނީ ރައީސް މައުމޫނާއި އަދި ރައީސް ނަޝީދުވެސް ސުލްހައިގެ ވާހަކަތަކުގައި ދައުރެއް އަދާ ކުރެއްވުމަށް ގޮވާލައްވައިފަ އެވެ.