19 Jul 2012, 15:28
އިގްތިސޯދީ ހާއްސަ ހާލަތެއް ދިމާވެފައިވާ ކަމަށް ބުނެ ސިވިލްސާވެންޓުގެ މުސާރައިން އުނިކުރި ބައި މި މަހުން ފެށިގެން މުވައްޒަފުންނަށް ދޫކުރުމަށް ސަރުކާރުގެ ހުރިހާ އޮފީސްތަކަށް އަންގައިފި އެވެ.
ފައިނޭންޝިއަލް ކޮންޓްރޯލާ މުހަންމަދު އަހުމަދު ސޮއި ކުރައްވާ ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނަނީ އެކެއް ޖެނުއަރީ 2010 ކުން 31 ޑިސެމްބަރު 2010 އަކަށް އުނިކޮށްފައިވާ މުސާރަ އެއްބަސްވެފައިވާ ގޮތަށް އަންނަ މަހުން ފެށިގެން ދޭންޖެހޭނީ މި އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް އެ މުވައްޒިފަކު ވަޒީފާ އަދާ ކުރި އޮފީހަކުން ކަމަށެވެ. އަދި ބުނެފައިވަނީ އެ މުވައްޒިފަކަށް އެ ފައިސާ ހަމަޖައްސައިދޭން ޖެހޭނީ އެ އޮފީހެއްގެ ބަޖެޓުގެ ތެރެއިން ކަމަށެވެ.
އަހަރީ ބަޖެޓް ކޯޑުގެ ތެރެއިން އެގޮތަށް ހަމަޖެއްސެން ނެތް އޮފީސްތަކުން އެ ފައިސާ ހަޖައްސާނީ އެހެން ބަޖެޓް ކޯޑަކުން ކަމަށެވެ. އަދި މަސްއޫލު އޮފީސްތަކުން އެ ހަރަދު ހަމަޖައްސާނީ އެ އޮފީހެއް މަސްއޫލުވާންޖެހޭ ސެކްޝަނަކަށް ލިޔެގެން ހުއްދަ ހޯދައިގެން ކަމަށްވެސް ސާކިއުލާގައިވެ އެވެ.
މުވައްޒަފުންގެ މުސާރަ އިއާދަ ކުރުމަށް ސިވިލްސާވިސް ކޮމިޝަނުން މިއަހަރުގެ ބަޖެޓްގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 443.7 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ވަނީ ބަޖެޓުގައި ނުހިމަނަ އެވެ.