19 Jul 2012, 14:57
ގައުމީ ހެލްތު އިންޝުއަރެންސް އާސަންދައިން ޑޮކްޓަރަށް ދައްކާ މީހުންގެ ކްރެޑިޓް ލިމިޓުން "އޮޅުވާލައިގެން" އެކި ކަންކަމަށް ފައިސާ ކަނޑާފައިވާ ކަމަށާއި އެފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ދައުވާ ކުރަން ޖެހޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންސްޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
ފެން ބިލްޑިންގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތޯރިގު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ބައެއް ބޭސް ފިހާރަތައް ބަންދުކޮށް، އަދި ބައެއް ބޭސް ފިހާރަތަކަށް ހުއްދަ ނުދީ ހިފަހައްޓާފައިވާ ކަމަށާއި ޑޮކްޓަރުން ވެސް އެބޭފުޅުންގެ ހިދުމަތުން އެކަހެރިކޮށްފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ރިޕޯޓްކުރެވިފައިވާ އެފަދަ މައްސަލަތަކެއް އެބަ ހުރި ކަމަށާއި އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލް އާންމު ކުރުމަކީ "ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ނޫން" ކަމަށެވެ.
"ވަރަށް ލުއިލުއިކޮށް ދަންނަވާލާނަން. އަޅުގަނޑުމެން ހުންނާނެ ބައެއް ބޭސްފިހާރަތައް ބަންދުކޮށްފައި ވެސް. އަޅުގަނޑުމެން ހުންނާނެ ބައެއް ބޭސް ފިހާރަތަކަށް [ބޭސް ވިއްކުމުގެ] ހުއްދަ ނުދީ ހިފަހައްޓާފައި. އަޅުގަނޑުމެން އެބަ ހުރި ޑޮކްޓަރުން ވެސް ހިދުމަތުން ބަރީއަތް ކުރެވިފައި. ކޯޓަށް ހިސާބަށް ދާންޖެހިއްޖެނަމަ ދިއުމަށް ތައްޔާރަށް މިތިބީ. ފުރޯޑަކީ މިސިސްޓަމްސްގައި އަޅުގަނޑުމެން އުސޫލެއްގެ ގޮތުން އެކްސެޕްޓު ކުރާ ކަމެއް ނޫން... މިއެއްޗެހި އަޅުގަނޑުމެން ޕަބްލިޝް ނުކުރަން. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް އަޅުގަނޑުމެން ދެކެނީ،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކަކީ މިހާރަށް ވުރެ މާ ސީރިއަސްކޮށް ބަލާނެ ކަންތައްތަނެއް ކަމަށެވެ. އަދި އެފަދަ ހީލަތްތެރި ރޭވުންތަކަކުން އާސަންދައިން ފުރުސަތެއް ނުދެއްވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
އާސަންދައިން ހިދުމަތް ހޯދަމުންދާ މީހުންގެ ނިސްބަތައް ބަލައި، ދައުލަތުގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައިވާ ފައިސާ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުސްވާނެ ކަމަށް މާލިއްޔަތު ކޮމެޓީން އަންދާޒާކޮށްފައިވާ މައްސަލާގައި ތޯރިގު މިއަދު ވަނީ ޖަވާބުދާރީވެވަޑައިގަންނަވައިފަ އެވެ. އޭނާ ވިދާޅުވީ އާސަންދަ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް ބަދަލުތަކެއް ގެންނާނެ، އެ ބަދަލުތަކާ އެކު މިހާރު ކަނޑައަޅާފައިވާ ބެޖެޓުން އާސަންދަ ހިންގޭނެ ކަމަށެވެ. އަދި އިތުރަށް ބޭބުންވާ ކަމެއް ނަމަ އެކަން ސަރުކާރުންކޮށްދެއްވާނެ ކަމަށެވެ.
"ނުވަސަތޭކަ މިލިއަންގެ ކޮންޓްރެކްޓެއް އާސަންދައަކީ. އަޅުގަނޑު ހިތުން ސަރުކާރުން އެ އޮތް ގޮތަކަށް އެ އޮނާކުރައްވައި އެކަންތައްކޮށްދެއްވާނެ،"
މާލިއްޔަތު ކޮމެޓީން ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން އާސަންދަ އަށް ކަނޑައަޅާފައި ވަނީ 720 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުސްވާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ގޮތަށް އާސަންދަ ކުރިއަށް ގެންދިއުމަށް 900 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މާލިއްޔަތު ކޮމެޓީން އަންޒާދާކޮށްފައިވެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އާސަންދަ ސިސްޓަމުގެ ތިން ޕޯޓަލްތަކެއް ތައާރަފްކޮށްފަ އެވެ. އެއީ ނެޓްވޯކް މެދުވެރިކޮށް ހޮސްޕިޓަލްތަކަށް އާސަންދައިން ފަރުވާ ހޯދާ މީހުންގެ ޑޭޓާ ބެލެހެއްޓުމާއި ޑޮކްޓަރުން ބޭނުންކުރާނެ ޕޯޓަލްއެއް ތައާރަފްކޮށްފަ އެވެ.