މިމަހުގެ ނިޔަލަށް އިންޓަވިއުތައް ނިންމާލެވޭނެ ކަމަށް ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ ބުނެފި އެވެ.

އިންކުއަރީ ކޮމިޝަނުގެ މަސައްކަތްތަށް ކުރިއަށް ދާގޮތާ ގުޅޭ ގޮތުން މިއަދު މުލީއާގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ކޯޗެއާ ސިންގަޕޫރުގެ ޖަޖު ޖަސްޓިސް ޕީ ސެލްވަމް ވިދާޅުވީ ވެރިކަން ބަދަލުވީ ގޮތާ ގުޅޭ ގޮތުން އެކޮމިޝަނަށް މައުލޫމާތު ދިނުމަށް ބޭނުންވާ 250 ފަރާތުގެ ތެރެއިން 224 މީހުންނާ އިންޓަވިއުކޮށް ނިމިފައިވާ ކަމަށާއި ބާކީ 60 މީހުންގެ އިންޓަވިއު މިމަސް ނިމޭ އިރު ނަގައި ނިމޭނެ ކަމަށެވެ.

"އިންޓަވިއުތައް ނެގުމުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް ބުރަކޮށް އަންނަނީ ކުރަމުން. މީގެ ކުރިން މައުލުމާތު ދިން ފަރާތްތަކުގައި ވެސް އެދިފައި ވާނީ މިހާރު އިތުރަށް މައުލޫމާތުދިނުމަށް އައުމަށް. އަދިވެސް ކޮމިޝަނުން ބޭނުންވާ އިތުރު ބައެއް ފަރާތްތަކަށް މައުލުމާތުދިނުމަށް ދަންނަވާނަން. އިންތަވިއު ނެގުމުގެ މަސައްކަތް މިމަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އުއްމީދު ކުރަން،" ސެލްވަމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޓަވިއުތައް ނިމުމުން ރިޕޯޓް ފުރިހަމަ ކުރުމުގެ މަސައްކަތް ފެއްޓޭނެ ކަމަށާއި އަންނަ އޮގަސްޓް މަހުގެ 31ގެ ކުރިން ރިޕޯޓް ނެރެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ކޮމިޝަނުގެ މަސައްކަތް ނިންމުމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަނޑައަޅުއްވަފައިވާ ތާރީހަކީ މިމަހުގެ31 ކަމުގައިވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތް ނުނިންމޭނެ ކަމަށް ވަނީ ބުނެފަ އެވެ. ކޮމިޝަނުން ބުނެފައި ވަނީ ދެވަނަ ފަހަރަށް ކޮމިޝަން އެކުލަވލެއްވުމުގެ މުއްދަތުތެރޭގައި 17 ދުވަސް ގެއްލިފައިވާ ކަމަށާއި އެ ދުވަސްތަކުގެ ބަދަލުގައި މުއްދަތު އިތުރުކުރުމުން މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭނީ އޮގަސްޓް މަސް ނިމުގެ ކުރިން ކަމަށެވެ.

ކޮމިޝަނުގެ މެންބަރު ޑރ. އިބުރާހިމް ޔާސިރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ނިންމާލެވޭނެ ވަކި މުއްދަތެއް އަދި ކަނޑައަޅައި ސަރުކާރަށް ރަސްމީކޮށް ދަންނަވާފައި ނުވާނެ ކަމަށާއި އިންޓަވިއުތައް ނިމުމުން ރިޕޯޓް ލިޔާނެ ދުވަސް ކަނޑައެޅުމަށް ފަހު ސީދާ ސަރުކާރަށް ވަކި ދުވަހެއް އަންގަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮގަސްޓް މަހުގެ 31ގެ ކުރިން ރިޕޯޓް ނިންމާލެވޭނެކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށާއި ނަމަވެސް ރަސްމީކޮށް އެތާރީހު އަދި ސަރުކާރުގައި ދަންނަވަފާއި ނުވާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.