19 Jul 2012, 14:29
އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ( އެޗްއާރުސީއެމް) އަށް މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށައެޅި މައްސަލަތަކަކީ އިންސާނިއްޔަތާ ހިލާފު އަނިޔާ ކުރުމާއި ކަރާމަތް ނަގާލުމުގެ މަސައްސަލަތައް ކަމަށް އެކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެޗްއާރުސީއެމް އިން އާއްމު ކުރި މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހުށައެޅި މައްސަަލަތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގެ ތެރޭގައި، ކަރާމާތް ނަގާލުމާއި އިންސާނިއްޔަތާ ހިލާފު އަނިޔާ ކުރި ކަމުގެ 105 މައްސަލައެއް ހުށައަޅާފައިވެ އެވެ.
އިންސާނިއްޔަތާ ހިލާފު އަނިޔާ ކުރުމުގެ މައްސަލަތަކަށް ފަހު ދެން އެންމެ ގިނައިން ހުށައަޅާފައި ވަނީ އިގުތިސާދީ އަދި އިޖުތިމާއީ ހައްގުތައް ނުލިބުުމުގެ މައްސަލައެވެ. އެފަދަ 64 މައްސަލައެއް މިއަހަރުގެ އެ މުއްދަތުގައި ހުށައަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގައި އާއްމުކޮށް މީހުން އެވާހަކައެއް ނުދައްކާ މިދެ ބާވަތުގެ މައްސަލަ އަށް ފަހު ދެންމެ އެންމެ ގިނައިން ހުށައަޅާފައި ވަނީ އާއްމުކޮށް އަޑު އިވޭ މައްސަލައެއް ކަަމަށްވާ ހިންގުމުގެ ދާއިރާގެ ތެރެއިން ހަމަހަމަކޮށް، (އިންސާފުވެރިކަމާ އެކު) މުއާމަލާތް ނުކުރުމުގެ މައްސަލައެވެ. އެފަދަ 56 މައްސަލައެއް ޖޫން މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށައަޅާފައިވެ އެވެ.
ގިނަ އަދަދެއްގެ ޝަކުވާ ކޮމިޝަނަށް ހުށައަޅާފައިވާ މި މައްސަލަތަކުގެ އިތުރުން މަސައްކަތް ކުރުމުގެ ހައްގު ނުލިބިގެން ހުށައަޅާފައިވާ މައްސަލަ އާއި ތައުލީމު ހާސިލުކުރުމުގެ ހައްގު ނުލިބިގެން ހުށައަޅާފައިވާ 32 މައްސަލައާއި ކުޑަކުދިންނާއި ދުވަސްމީ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާ ނުލުމުގެ 22 މައްސަލަ އެޗްއާރުސީއެމްގެ ތަފާސް ހިސާބުތަކުން ފާހަގަ ކުރެވެ އެވެ.
ފާހަގަކޮށްލެވޭ އަނެއް ދެ މައްސަލައަކީ ކައިވެނިކޮށްގެން އާއިލާއެއް ބިނާކުރުުމުގެ ހައްގު ނުލިބުމުގެ މައްސަަލައާއި އަމިއްލަ މިނިވަންކަން، (ޕްރައިވެސީ) ނުލިބުމުގެ މައްސަލައެވެ. އެ ހައްގުތައް ނުލިބިގެން 14 މައްސަލައެއް ވަނީ ހުށައަޅާފަ އެވެ.
ދައުލަތުން ޒިންމާ ނޫފުލި ކަމުގެ 16 ޝަކުވާއެއް ވެސް ޖޫން މަހުގެ ނިޔަލަށް އެޗްއާރުސީއެމަށް ހުށައަޅާފައިވެ އެވެ.