19 Jul 2012, 13:45
ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު އަވަހާރަކޮށްލުމުގެ ކުށުގައި މ. މަސްރޫރާ، އަހުމަދު މުއްރަތާއި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މަސްރޫރާ ގޭގައި ހަނާއާއި މުއްރަތު ދިރިއުޅޭ ކޮޓަރިއަށް ޖޫން 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު ވެއްދުމަށް ފަހު އެ ކޮޓަރީގެ ގޮނޑިއެއްގައި ނަޖީބު ބޭންދުމަށް ފަހު ނަޖީބުގެ ދެ މޯބައިލް ފޯނު އަތުލައި އޭނާގެ ވޮލެޓުގައި ހުރި ފައިސާއާއި ކޭޝްކާޑް ނަގައި އޭގެ ޕިން ނަންބަރު ނަޖީބުގެ އަތުން އެ ދެ މީހުން ހޯދާފައިވާކަމަށެވެ.
އަދި އޭގެ ފަހުން ނަޖީބުގެ އަނގަޔަށް ފޮތިގަނޑެއް ލައި އޭނާއަށް އެއްވެސް ތަނެއް ނުފެންނާނެ ހެން މުޅި މޫނުމަތީގައި ޓޭޕްއަޅައި ކޮޓަރީގައި ނަޖީބު ބޭންދުމަށްފަހު އޭނާގެ ކޭޝްކާޑް ބޭނުންކޮށްގެން ފައިސާ ނެގުމަށް ފަހު އެފައިސާއަށް މަސްތުވާތަކެތި ގަނެފައިވާކަމަށެވެ.
މަސްތުވާތަކެތި ގަނެގެން އެނބުރި އެގެއަށް ގޮސް ބަނގުރަލާއި ހިކި މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު ހަނާއާއި މުއްރަތު ވަޅިން ނަޖީބަށް ހަމަލާދީ މަރާލާފައިވާކަން މުއްރަތު ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުންނާއި ނަޖީބު ބަނުމުގައި އެހީތެރިވެފައި ވާނެކަމަށް ޝަރީއަތުގައި ހަނާ ވެފައިވާ އިއުތިރާފަށް ބަލާއިރު އެ ދެ މީހުން ގަސްތުގައި ނަޖީބު މަރާލާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށްވެސް ހުކުމުގައިވެ އެވެ.
އެ ހުކުމްގައި ބުނަނީ ނަޖީބުގެ މަރުގެ ބަދަލުގައި މުއްރަތާއި ހަނާގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފުންކަމަށް ނަޖީބުގެ ވާރިސުން ބުނެފައިވާތީ ޝަރުއީ ހަމަތަކުގެ މަތިން މުއްރަތާއި ހަނާގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑަޅައި އިސްލާމީ ޝަރީއަތުގައިވާގޮތުން މުއްރަތާއި ހަނާ މެރުމަށް ހުކުމް ކުރީ ކަމަށެވެ.
ހުކުމް ކުރުމުގެ ކުރިން ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު ވަނީ އެ މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތައް ޝަރީއަތަށް އިއްވަވައިފަ އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ގާޒީ ވިދާޅުވީ ދައުލަތުން ކުރި ދައުވާ ސާފުވެއްޖެ ކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާއި ނުލައި އަމިއްލައަށް ކަމަށް ހަނާއާއި މުއްރަތު ޝަރީއަތުގައި ބުނެފައިވާކަމަށެވެ.ގާޒީ ވިދާޅުވީ މާލީ ތަނަވަސް ކަން ނެތް ފަރާތްތަކަށް ދައުލަތުން ވަކީލަކު ހަމަޖައްސަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާތީ އެ ފުރުސަތު ބޭނުންތޯ އެއްސެވުމުން ވެސް ދައުލަތުން ހަމަޖައްސާ ވަކީލަކު ވެސް ބޭނުން ނުވާކަމަށް އެ ދެ މީހުން ޝަރީއަަތުގައި ބުނިކަމަށެވެ.
ގާޒީ ވިދާޅުވީ އެގެއަށް ދިޔުމަށް ނަޖީބަށް ދައުވަތު ދީފައި ވަނީ މުއްރަތުގެ މަންމައަށް މަސްރޫރާ ގެއިން ލިބިފައިވާ ބިން އެގޭގައި އުޅޭ އެކި މީހުން އެކި މިންވަރަށް ބޭނުންކުރަމުން ދާތީ އާއި އަދި މުއްރަތުގެ މަންމަގެ އެކައުންޓުން ފައިސާ މަދުވެފައިވާތީ އެކަަމުގައި ނަޖީބުގެ ފަރާތުން ލަފާ ހޯދުމަށް ކަމަށް މުއްރަތު ބުނެފައިވާކަމަށެވެ.
ގާޒީ ވިދާޅުވީ އެގޭގައި މުއްރަތާއި ހަނާ ދިރިއުޅޭ ކޮޓަރިއަށް ނަޖީބު ގެންދިޔުމަށް ފަހު ނަޖީބު އެގެއަށް ގެނައި ކަންކަމުގައި މުއްރަތު ނަޖީބާއި މަޝްވަރާ ކުރަމުންދަނިކޮށް ނަޖީބު މުއްރަތުގެ ވާހަކަޔަށް މާބޮޑު ސަމާލުކަމެއް ނުދީ ހަނާއާއި ދިމާލަށް ބަލަމުން ދިޔަކަމަށް މުއްރަތު ބުނެފައިވާކަމަށެވެ. އަދި މުއްރަތުގެ މަންމައާއި ބައްދަލުކުރަން ބޭނުންވާކަމަށް ނަޖީބު ބުނުމުން އޭނާގެ މަންމަ ހޯދަން މުއްރަތު ބޭރަށް ދިޔަ ފަހަރެއްގައި، ހަނާ ކޮޓަރިން ނެރެ މުއްރަތު ސުވާލުކުރުމުން ނަޖީބުގެ އިނގިލިތަކުން ހަނާގެ ފައިގައި ކޮއްޓާއި ހިފާފައިވާކަމަށް ބުނެފައިވާތީ ނަޖީބު މަރާލީ އެ ސަބަބާއި ހުރެކަމަށް މުއްރަތު ބުނެފައިވާކަމަށެވެ.
ގާޒީ ވިދާޅުވީ ނަޖީބު މަރާލަން ޖެހުނީ ނަޖީބުގެ ކަންތައް ހުރިގޮތުން، އޭނާގެ ބޭނުމަކީ ހަނާއާއި ގުޅުން ބަދަހިކޮށްގެން ހަނާގެ ފަރާތުން ޖިންސީ ފައިދާއެއް ހޯދުން ކަމަށް ހަނާއަށް ގަބޫލު ކުރެވުމުންނާއި، އަދި އޭނާއަކީ ގާނޫނީ ވަކީލަކަށް ވާތީ އޭނާގެ އަތުގައި ފައިސާ ހުންނާނެ ކަމަށް ބަލައިގެން އެ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ހަނާ ޝަރީއަތުގައި ބުނެފައިވާކަމަށެވެ.
ގާޒީ ވިދާޅުވީ ނަޖީބު މަސްރޫރާ ގެއަށް ގެންދިޔައީ މުއްރަތުގެ މަންމަގެ އެކައުންޓުގައި ފައިސާ މަދުވެފައި ވާތީ އާއި އަދި މަސްރޫރާ ގޭގެ ބިން ބޭނުންކުރުމުގައި ދިމާވެފައިވާ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ނަޖީބުގެ ލަފާ ހޯދަން ކަމަށް މުއްރަތާއި ހަނާ ބުންޏަސް އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކަށް ހުށަހެޅުމަށް އެއްވެސް މީހަކު ކައިރީ ބުނެފައި ނުވާނެކަމަށް މުއްރަތުގެ މަންމަ އަޒީޒާ ހަސަން ގާސިމް އެ މައްސަލައިގެ ތަހުގީގުގައި ބުނެފައިވާކަމަށެވެ.