19 Jul 2012, 13:10
އެމްޑީޕީ އިން ސީދާ ހަރަކާތުގެ ނަމުގައި މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރޭ ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ އަށް ރޭ އެ ޕާޓީގެ ސަޕޯޓަރުން ޗަންދަނީމަގު ދިރާގު ކަންމައްޗަށް ދިޔައީ އުސްފަސްގަނޑުގައި ކުރިއަށްދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް ފަހުގަ އެވެ. އެހެން ރޭރެއާ ހިލާފަށް އެޕާޓީގެ ސަޕޯޓަރުންރޭ އެސަރަހައްދަށް ދިޔަ އިރު ފުލުހުން ވަނީ އެސަރަހައްދުގައި ކޮންކްރީޓް ހަތަރު ބެރިކޭޑް ބަހައްޓައިފަ އެވެ. އެމްޑީޕީގެ ސަޕޯޓަރުން އެކަމާ ހިތްހަމަނުޖެހިގެން އެ ސަރަހައްދުގައި އަޑުގަދަކޮށް އެތަކެތި ނެގުމަށް ފުލުހުންނަށް އިންޒާރުތަކެއް ދިނުމަށް ފަހުވާ ޖަހައި އެތަނުން ދެ ބެރިކޭޑް މުޒާހަރާގެ ތެރެއަށް ގެންދިޔަ އެވެ.
ނަމަވެސް ރޭގެ މުޒާހަރާގައި ފުލުހުންގެ މީހަކަށް އަދި އާއްމުންގެ އެއްވެސް މީހަކަށް ވެސް އަނިޔާއެއްވެފައެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ އެމްޑީޕީގެ ރޭގެ މުޒާހަރާގެ ތެެރެއިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅަައި ޗަންދަނީމަގުގައި ބަހައްޓާފައި ހުރި ކޮންކްރީޓް ބެރިކޭޑްތައް ނެގި ކަމުގެ ތުހުމަތުގައި ހައުްޔަރުކޮށްފައިވާ މީހުން ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީގެ މުޒާހަރާ ރޭ 12:00 ޖެހިއިރު ވެސް ރޫޅާލުމަށް ފުލުހުން މަސައްކަތްތަކެއް ކޮށްފައެެއް ނުވެ އެވެ. ނަމަވެސް 12ގެ ފަހުން ފުލުހުން އެއްވެ ތިބި މީހުން ގަނޑުގެ ތެރެއަށް ވަނީ ބެރިކޭޑްތައް ގެންދިޔަ މީހުން ހައްޔަރުކުރުމަށެވެ. އެވަގުތު އެމްޑީޕީގެ ސަޕޯޓަރުން އެ ސަރަހައްދު ދޫކޮށްދިޔަ ދާން ފެށުމުން މުޒާހަރާ ރޫޅިގެން ދިޔަ އެވެ.