19 Jul 2012, 13:05
ރޯދަމަހާ ދިމާކޮށް ކަސްޓަމަރުނަށް ލުއިފަސޭހަގޮތެއް ހޯދައި ދިނުމުގެ ގޮތުން ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އިންޓާނެޓް ބެންކިންގެ ހިދުމަތް މެދުވެރިކޮށް ފައިސާގެ މުއާމަލާތުކުރެވޭ މިންވަރު އިތުރުކޮށްފި އެވެ.
އެ ބޭންކުން ބުނީ މިހާރު ގެނައި ބަދަލުތަކާ އެކު ސްޓޭންޑަޑް ޕެކޭޖް ގެންގުޅުއްވާ ފަރާތްތަކަށް ދުވާލެއްގެ މައްޗަށް 100،000 ރުފިޔާ އަމިއްލަ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓުރާންސްފާ ކުރެވޭނެ ކަމަށެވެ. އަދި ބުނީ ބިލް ޕޭގެ ހިދުމަތް މެދުވެރިކޮށް ކަރަންޓް، ފެން، ފޯނު ބިލް ފަދަ ބިލްތަށް ދެއްކުމުގެ ލިމިޓް ދުވާލެއްގެ މައްޗަށް 20،000 ރުފިޔާ އިތުރުކުރެވިފައިވާ ކަމަށާއި އަދި އެޕެކޭޖް މެދުވެރިކޮށް ލޯނު ފައިސާ އާއި ކުރެޑިޓް ކާޑަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މިންވަރު ދުވާލެއްގެ މައްޗަށް 100،000 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އިންޓަނެޓް ބޭންކިން ސުޓޭންޑަޑް ޕެކޭޖަކީ ބެންކްގެ ކަސްޓަމަރުނަށް މުޅިން ހިލޭ ދޭ ހިދުމަތެކެވެ.
ބީއެމްއެލުން ބުނީ އެ ބަދަލާ އެކު ޕުރީމިއަމް ޕެކޭޖް ގެންގުޅުއްވާ ފަރާތްތަކަށް ދުވާލަކު 500،000 ރުފިޔާ އަމިއްލަ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކުރެވޭނެ ކަމަށާއި އަދި އެހެން ފަރާތްތަކުގެ އެކައުންޓުތަކަށާއި އެހެން ބޭންކުގެ އެކައުންޓުތަކަށް ދުވާލެއްގެ މައްޗަށް ޓްރާންސްފާ ކުރެވޭ އަދަދު 200،000 ރުފިޔާ އަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި ބުނީ ފަހުން ގެނައި ބަދަލާ އެކު އެ ޕެކޭޖުން ލޯނަށް ފައިސާދެއްކުމާއި ކުރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ މިންވަރު ވެސް ދުވާލެއްގެ މައްޗަށް 200،000 ރުފިޔާ އަށް އިތުރުކުރެވިފައިވާ ކަމަށެވެ.
އަދި އެ ބަދަލުތަކާ އެކު ބީއެމްއެލް އިން ވަނީ ދިރާގާއި ވަތަނިއްޔާ ޕްރީޕެއިޑް ޕެކޭޖްތަކަށް ދުވާލެއްގެ މައްޗަށް ރިޗާޖުކުރެވޭ މިންވަރު ވެސް 1،000ރ. އަށް އިތުރުކޮށްފަ އެވެ.