ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ އަށް މައުލޫމާތު ހިއްސާކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގައި އެދިފައިވާ ކަމަށާއި ނަމަވެސް އަދި އެ ދެ ކޮމިޝަނުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް އެކޮމިޝަނުން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ އިންކުއަރީ ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދާގޮތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު މުލީއާގޭގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ މެންބަރު އަހުމަދު ސައީދު (ގަހާ ސައީދު) ވިދާޅުވީ ކޮމިޝަނަށް މައުލުމާތު ހިއްސާކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގައި ސީޓ އަކުން ދަންނަވާފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ އިން އެއްވެސް ތަނަކުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަރާތް ފަރާތުން ލިބޭނެ ކަމަށް އުއްމީދު ކުރާ މައުލޫމާތުތައް އަދިވެސް ނުލިބިގެން މިއުޅެނީ. ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަގްްރިޓީ ކޮމިޝަން. އަޅުގަނޑުމެން މި މަހު 2 އަދި 3ގައި ސިޓީ އަކުން ދަންނަވާފައިވާނެ[އެ މައުލޫމާތު ހިއްސާ ކުރުމަށް]،" ގަހާ ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ ދެ މުއައްސަސާ އިން ވެސް ވެރިކަން ބަދަލުވި ގޮތް ބަލާ ކަމަށް ބުނެފައިވާ ކަމަށާއި އަދި އެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް ސިޓީއަކުން އަންގަވާފައިވާ ކަމަށާއި އަދި އެ މައުލޫމާތުތައް އިންކުއަރީ ކޮމިޝަނަށް އެ ދެ ކޮމިޝަނުން ވެސް ސީދާ ހިއްސާކުރާނެ ދުވަހެއް އަދި އަންގާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ މުއައްސަސާގެ ރިޕޯޓް ލިބިއްޖެ ނަމަ އިންކުއަރީ ކޮމިޝަނުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބި ރިޕޯޓް ފުރިހަމަވެގެންދާނެ ކަމަށެވެ.

ކޮމިޝަނުން ބުނެފައި ވަނީ ފެބުރުއަރީ ހަ ވަނަ ދުވަހު އަދި ހަތް ވަނަ ދުވަހުގެ ހާދިސާތައް ހިނގި ތަންތަނަށް އެކޮމިޝަނުން މިހާރު ޒިޔާރަތްކޮށް ބަލާފައިވާ ކަމަށެވެ. ކޮމިޝަނުގެ މެންބަރުން ޒިޔާރަތްކޮށްފައި ވަނީ އާޓިފިޝަލް ބީޗާއި ބަންޑާރަކޮށްޓާއި އެމްއެންބީސީ އާއި އެމްޑީޕީ ހަރުގެ އަށެވެ. އަދި ކޮމިޝަނުން އެ ދުވަހުގެ ހާދިސާއާ ގުޅޭ ގިނަ އަދަދެއްގެ ވީޑިއޯ އާއި ފޮޓޯ އާއި ޓީވީ ސްޓޭޝަންތަކުގެ ވީޑިއޯ ފޫޓެޖްތައް ވެސް ލިބިފައިވާ ކަމަށާއި އެއެއްޗެހި ދިރާސާ ކުރަމުން ގެންދާ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އެކޮމިޝަނުން ބުނެފައި ވަނީ އިންކުއަރީ ކޮމިޝަނުން މައުލޫމާތު ހޯދުމަށް އެ ކޮމިޝަނުގައި އެދިފައި ނުވާ ކަމަށެވެ.