19 Jul 2012, 12:21
އދ. މަހިބަދުއާއި ލ. ފޮނަދޫގެ ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ދެ ރަށުގެ ނަރުދަމާ ނިޒާމުގެ ހިދުމަތް އެ ދެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދީ، ނަރުދަމާ ނިޒާމުތައް ބެލެހެއްޓުމުގެ ކަންތައްތައް ފެނަކަކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮރިކުރީ އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު އޮތް ހަފުލާއެއްގަ އެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ލޯނު އެހީއާ އެކު ދައުލަތުން ވެސް ހަރަދުކޮށްގެން ގާއިމް ކުރި އެ ދެ ނަރުދަމާގެ މަސައްކަތްކޮށްފައި ވަނީ ޝިންޕޯން އެއާ ޓެކްނޮލޮޖީސް ނަަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށްގެންނެވެ. ނަރުދަމާ ނިޒާމު ގާއިމްކޮށް ނިމި، ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކުރި އދ. މަހިބަދޫގެ ނަރުދަމާގެ މަސައްކަތް ޝިންޕޯންއެއާ ޓެކްނޮލޮޖީއާ ހަވާލުކުރީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެ މަޝްރޫ އަށް އޭޑީޕީން 1.6 މިލިޔަން ޑޮލަރު ހަރަދުކޮށްފައިވާ އިރު ދައުލަތުން ހަރަދުކޮށްފައި ވަނީ 1.4 މިލިޔަން ރުފިޔާ އެވެ.
ސެޕްޓެމްބަރު 13، 2010ގައި ޝިންޕޯން އެއާ ޓެކްނޮލޮޖީސް އާ ހަވާލުކުރި ލ. ފޮނަދޫގެ ނަރުދަމާ ނިޒާމަށް އޭޑީބީން 2.4 މިލިޔަން ޑޮަލަރު އަދި ދައުލަތުން 2.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ނަރުދަމާ ނިޒާމުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު ނުޢުމާން އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުލް މަތީން މުހައްމަދެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފެއްދި ފެނަކަ ކޯޕަރޭޝަނާ ނަރުދަމާއެއް ހަވާލުކުރި މިއީ ފުރަތަމަ ފަހަރެވެ.