16 Mar 2025, 09:08
"ކިހިނެއްވީ؟" ރިސާމާގެ މޫނުމަތިން ފެނުނު އަސަރުތައް މާނަކުރަން މަސައްކަތްކުރަމުން ނަޖީބު ވާހަކަ ދެއްކިއެވެ.
ލޯބިވާ އަނބިމީހާގެ ނުތަނަވަސްކަން އެނގުމުން އެ އަތުގައި ނަޖީބު ހިފައްޓައިލީ ލޯތްބާއެކުގައެވެ. އޭނާ ރިސާމާއަށް ބަލައިލީ، ރިސާމާގެ ހިތުގައި އޮތް އެއްޗެއް ބުނާށޭ ބުނާފަދައަކުންނެވެ. ކޮންމެ ޙާލެއްގައިވެސް އޭނާ ރިސާމާގެ ވާހަކަތަކަށް ޤަދަރުކުރާނެކަމުގައި ނަޖީބުގެ އެ އަމަލުން ހާމަވަމުން ދިޔައެވެ. އަދި ރިސާމާގެ ބަހަކީ އޭނާގެ ކައިރީގައި ކިހާ މުހިންމު އެއްޗެއްކަންވެސް މެއެވެ.
"ރުޅިއައިސް ވާހަކަ ނުދައްކައްޗޭ!" ނަޖީބުގެ މޫނުމަތިން ފެނުނު އަސަރުތަކުން ރިސާމާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ."މިހާރު ދެން ރުޅި އަޔަސް ކުރެވޭނެ ކަމެއް ނެތެއްނު. އަފޫއަށް އެވަނީ ކުރެވުނު ކުށް އިޙްސާސްވެފައި. އޭނަ އެހުރީ ހަމަ ހަޤީގަތުގައިވެސް ކުރެވުނު ކަންތަމާ މެދު އިންތިހާއަށް ދެރަވެފައި."
ނަޖީބު ހިނިތުންވެލާފައި ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އޭނާ ރިސާމާގެ އަތަށް ބާރުކޮށްލިއެވެ. އޭނާ އަކީ އަބަދުވެސް އަނބިމީހާގެ ބަހަށް އިޚްތިރާމްކުރާ މީހެކެވެ. ރިސާމާ ދެރަވާގޮތަކަށް ދުވަހަކުވެސް ކަމެއް ނުކުރެއެވެ. އެ ދެމެދުގައި އެކަކު އަނެކަކަށްޓަކައިވާ އިޙްތިރާމާއި ލޯތްބާއި އިތުބާރަކީ މިހާ ދުވަސްވީއިރުވެސް އެ ގުޅުން އެގޮތުގައި ދެމި އޮތް އެންމެ ބޮޑު ސަބަބެވެ. ކައިވެންޏެއް ބާއްޖަވެރި ކުރުމަށްޓަކާ، ދެމީހުންވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރުން މުހިންމެވެ. ދިރިއުޅުމުގެ ކަންތައްތައް ނިންމުމުގައި އެކަކު އަނެކަކާ މަޝްވަރާކުރާނަމަ، ދެމީހުން ދެމެދުގައިޖެހޭ މައްސަލަތައްވެސް މަދުވާނެއެވެ.
ނަޖީބާއި ރިސާމާއާއި ދެމީހުން ގޮސް ޓެރެސްއަށް އެރިއިރު، އަފްނާން އެތަނުގައި ހުރި ގޮނޑިއެއްގައި އޮށޯވެލައިގެން ދެލޯ މަރާލައިގެން އޮތެވެ. ވިސްނުމަކަށް ގެއްލިފައި އޮތްލެއް ބޮޑުކަމުން އެތަނަށް ބަޔަކު އެރިކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.
އަފްނާން ވަނީ ދިރިއުޅުން މަތިން ފޫހިވެފައެވެ. މީހަކާ ކުރިމަތިލާކަށް ވެސް އޭނާ މިހާރު ބޭނުމެއް ނުވެއެވެ. ރެއާ ދުވާލު ސިކުނޑީގައި ރަސްކަން ކުރާ މައުވާގެ ޚިޔާލުތަކާއެކު މުޅިމީހާ ވަނީ ގޮތް ނޭނގޭ ގިލަންވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ސިކުނޑީގައި ރަސްކަން ކުރާ ޚިޔާލުތަކުން އޭނާގެ ނަފްސުގެ ހަމަޖެހުންވަނީ އެކީ ނަގާލާފައެވެ. ދުވަހަކު އެ އިޙްސާސުން މިންޖުވާނެހެނެއް ހިޔެއް ނުވެއެވެ. އެ ހިތްދަތިކަމުގައި އޭނާ މޮޔަވެދާނެއެވެ. ފުންމިން ނޭނގޭ ކަނޑެއްގެ ތެރެއަށް އަމިއްލަ ނަފްސު ޣަރަޤުވަމުން ދިޔަ ފަދަ އިޙްސާސްއެއް އަފްނާންއަށް ކުރުވިއެވެ.
ލޯ މަރާލައިގެން ވިސްނުންތަކަށް އަމިއްލަ ނަފްސު ދޫކޮށްލައިގެން އޮތް އަފްނާންއަށް ހަމަހޭވެރިކަންވީ ރިސާމާގެ އަޑާއެކުގައެވެ.
"އަފޫ... ދަރިފުޅާ." ރިސާމާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެ އަޑުން ރުޅިވެރިކަމެއްގެ އަސަރެއް ފާޅެއް ނުވެއެވެ. އެހެންނަމަވެސް، އެ ރާގުގައިވަނީ ކަންބޮޑުވެފައިވާ ފަދަ އަސަރެކެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ދަރިއަކަށް އެފަދަ ބޮޑު ބަދަލެއް އަތުވެއްޖެނަމަ މަޔަކަށް ކެތްވާނީވެސް ކިހިނަކުން ހެއްޔެވެ؟
"މަންމާ…" އަފްނާން ތެދުވެލުމަށްފަހު، ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ރިސާމާއާއި ނަޖީބުގެ މޫނަށް ބަލައިލުމަށްފަހު، ލަސްލަހުން ހަށިފުރާ ނޭވާއެއް ދޫކޮށްލާފައި އިސްޖަހައިލިއެވެ. ހީވާކަހަލައެވެ. އަދިވެސް މަންމަމެންނާ ކުރިމަތިލުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ ބޭނުންވަނީ މުޅި ދުނިޔެއަށްވެސް ފިލާށެވެ. މަންމައާއި ބައްޕަ އާ ދެމީހުން އެފަދަ ގޮތަކަށް އޭނާގެ ގާތަށް އައުމުން ނުތަނަވަސްވެސް ވާ ގޮތްވިއެވެ.
އަފްނާންއަށް ވީ ގޮތުން ނަޖީބާއި ރިސާމާއާއި ދެމީހުންނަށްވެސް އަސަރުކުރިއެވެ. އަފްނާންއަށް އެވަނީ އެ ކުށުގެ ބޮޑުކަން އިޙްސާސްވެފައެވެ. އެކަމުގެ ސަބަބުން އެ ދަރިފުޅަށް އެވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެ ދެމީހުން ގޮސް އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލިއެވެ. އިސްއުފުލައިލަން ނުކެރިފައި އަފްނާން އިންނަން ފެށުމުން ނަޖީބާއި ރިސާމާއަށް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދެވުނެވެ.
"އަފްނާން! މަންމަ ބުނި ޔުނިވާސިޓީއަށް ނުދާ ވާހަކަ؟" ނަޖީބު ވާހަކަ ފެށީ ދުރުންނެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން އޭނާ މަސައްކަތްކުރިއެވެ. "ކީއްވެ ނުދަނީ؟"
"ބޮލުގަ ރިއްސާތީ ނުދެވެނީ." އަފްނާން ބުނީ މުޅި އަކުން ދޮގެއް ނޫނެވެ. މިހާރަކަށް އައިސް އޭނާގެ ބޮލުގައި އަބަދުވެސް ހުންނަނީ ފާޑަކަށް ރިއްސާފައެވެ. މާބޮޑަށް ވިސްނާތީ ކަމަށްވެސް ވެދާނެއެވެ. ބޮލަށް ބަރުވެ އެނބުރުން ވެސް އަރާގޮތްވެެއެވެ.
"ތިހެން ބޮލުގައި ރިއްސަންޏާ ޑޮކްޓަރަށް ދައްކަން ޖެހޭނެއެއްނު. ދޮންބެ ކައިރީގައި ބުނެގެން ރަނގަޅު ޑޮކްޓަރަކަށް އެޕޮއިންޓްމެންޓެއް ހޯދަންވީނު." ދަރިފުޅުގެ ޙާލަތު ވަޒަންކޮށްލެވޭތީ ނަޖީބު ބުނެލިއެވެ.
ރުޅި ނައިސް މަޑުމައިތިރިކަމާއެކު، ނަޖީބު އޭނާއާ ވާހަކަ ދެއްކުމުން އަފްނާން އިތުރަށް ދެރަވާގޮތްވިއެވެ. ބައްޕަމެން އޭނާއާ މެދު ވިސްނާވަރު އިޙްސާސްވުމުންނެވެ. އޭނާގެ ސަބަބުން އެހުރިހާކަމެއް ދިމާވުމުންވެސް، އޭނާގެ އިޙްސާސްތައް ވަޒަންކޮށްލާ ވާހަކަ ދެއްކުމުންނެވެ. ނަޖީބުގެ އެ ވާހަކައަށް އަފްނާން ބޯ ޖަހަލިއެވެ. އެއާއެކު ނަޖީބު ވެސް އެއްޗެއް ބުނަން އުޅެފައިވެސް މަޑުޖެހިލިއެވެ. އަފްނާން އެއްޗެއް ބުނޭތޯއެވެ.
އެ ގޮތުގައި އިރުކޮޅެއް ފާއިތުވެދިޔަފަހުން ބައްޕަ އެ އިންތިޒާރުކުރަނީ އޭނާގެ ވާހަކައަކަށްކަން އެނގި އެންމެފަހުން އަފްނާން ގޮތް ދޫކޮށްފައި ވާހަކަ ވާހަކަ ދެއްކިއެވެ. އޭރުވެސް އެ އަޑުގައިވަނީ ހިތްދަތިކަމުގެ އިންތިހާއެވެ.
"ބައްޕާ… އައެމް ސޮރީ. އަޅުގަނޑަށް މާފުކުރޭ. ގަސްތުގަ ކުރިކަމެއް ނޫން އެއީ… އޭރު އެކަންތައް ކުރެވުނީމަ މިހާރު ވަރަށް ދެރަވޭ…" އަފްނާން ވާހަކަ ދައްކަން ފެށިއެވެ. "ފަހުން ހޮސްޕިޓަލަށް ދިޔައީވެސް އެކަމަށް މާފަށް އެދެންވެގެން."
އަފްނާންގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ. ނާއުންމީދާއި މާޔޫސްކަން ފާޅުވަމުން ދިޔަ އަޑު ނަޖީބާ ރިސާމާއަށް ވެސް އަސަރުތަކެއް ކުރުވިއެވެ.
"އަފޫ...." ނަޖީބު އަފްނާންއަށް ގޮވައިލިއެވެ. އެއާއެކު އަފްނާން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
"މައުވާގެ މާފު ނުލިބެނީސް އަޅުގަނޑުގެ ހިތަކަށްވެސް ހަމަޖެހުމެއް ނެތް. އެހެން ހުރިހާކަމަކަށް ވުރެ މައުވާގެ މަޢާފު އަޅުގަނޑަށް މުހިންމު. އެހެންވެ އެހާވަރުން ހޮސްޕިޓަލަށް ދިޔައީ..." އެހެން ބުނެލިއިރުވެސް އަފްނާން ނަޖީބާ ހަތަރު ކަޅި ހަމައެއް ނުކުރެއެވެ. "އެނގޭ އަޅުގަނޑުގެ ސަބަބުންކަން އެ ކުއްޖާގެ ދިރިއުޅުން ހަލާކުވީ. އެހެންވެ..... އެހެންވެ ކިތަންމެ ވަރަކަށްވެސް މަސައްކަތްކުރިން ދުރުގަ ހުންނަން. އެކަމަކު އެކަމެއް ނުކުރެވުނު." އަފްނާންއަށް އޭނާގެ ހިތުގެ ޙާލަތު ހާމަކޮށްލެވުނީ ނަޖީބުވެސް ވާހަކަ ދެއްކި ގޮތުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހިތެއް ބަލިކަށިވާ ޙާލަތުގައި އެހިތަށް ތަސައްލީއެއް ދޭން ވާހަކަ ދައްކާ މީހެއްގެ ކައިރީގައި އިތުރަށް ބަލިކަށިވެ ހިތް ހުޅުވާލަން ކޮންމެ މީހަކަށް ވެސް ފަސޭހަ ވާނެ އެއް ނޫންހެއްޔެވެ؟
"މިއަދު އަމިއްލަ ހިތުގެ ކުރިމަތީގައި ބަލި ޤަބޫލުކުރަން މަޖުބޫރުވެއްޖެ." އަފްނާން ބުނެލިއެވެ. ބޭއިޚްތިޔާރުން އޭނާގެ ހިތުގެ ޖަޒުބާތުތައް އޭނާއަށް ހާމަކުރެވެމުން ދިޔައީ އަމިއްލަ ނަފްސުގެ އުދާސްކަމެއް ތަސައްލީއެއް ދޭންވެސް ބޭނުންވާތީއެވެ. އަފްނާންއަށް ފަރުވާތެރިކަމާއެކު ބަލަން އިން ނަޖީބަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު އިނދެވުނީ އަފްނާން އެ ދައްކާ ވާހަކައެއް އޭނާއަށް ފަހުމްވުމުންނެވެ. އޭނާއަށް ރިސާމާއަށް ވެސް ބަލައިލެވުނެވެ. އޭރު ރިސާމާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ.
"ދަރިފުޅު އެ އަންހެން ކުއްޖާ ދެކެ ލޯބިވަނީތަ؟" ނަޖީބަށް ސުވާލުކޮށްލެވުނެވެ. "އެއީތަ ރައްޔާއާ ކައިވެނިކުރަން ބޭނުންނުވާ ސަބަބަކީ؟"
ނަޖީބުގެ ސުވާލާއެކުވެސް އިސްއުފުލައިލާ ބަލައިލާނެ ހިތްވަރެއް އަފްނާންއަކަށް ނުލިބުނެވެ. ނަޖީބު އެ ސުވާލު އެކުރީ ރުޅި އައިސްގެން ނޫންކަން އެނގުނު ނަމަވެސް، އިސްޖަހައިލައިގެން އެ އިން ގޮތަށް އިންނަން އޭނާއަށް މަޖުބުރުކުރުވީ މުޅި ހަށިގަނޑުގާއި ނަފްސުގައި އޮޅާލެވިފައިވި ލަދުވެތިކަމާއި ކުށްވެެރިކަމުގެ ފަރުދާއެވެ. ބައްޕަ ކިތަންމެ ރީއްޗަށް ވާހަކަ ދެއްކި ނަމަވެސް، ހިތުގައި އުތުރިއަރަމުން ދިޔަ އިޙްސާސްތަކުން މިންޖެއް ނުވެވުނެވެ. އެހިތުގެ ޙާލު ބައްޕަގެ ކުރިމަތީގައި ބަންޑުންކޮށްލެވުމާއެކު އެހިތުގެ ތެޅުންވެސް ވަނީ ކޮންމެވެސް ވަރަކަށް ބާރުވެފައެވެ.
"އަފްނާން… ބައްޕަ އެބަ ސުވާލެއް ކުރަމޭ؟ އެއީ ހެއްޔޭ ރައްޔާއާ ކައިވެނިކުރަން ދެކޮޅު ހެދި ސަބަބަކީ؟" ނަޖީބު އެހެން އަހައިލީ، އަފްނާން އެއްޗެކޭ ނުބުނެ ހިމޭންވެފައި އިންނަން ފެށުމުންނެވެ. އަދި އެކަމަކީ އޭނާއަށް އެނގުން މުހިންމުކަމެކޭ ހީވާތީއެވެ. ދަރީންގެ ޒާތީ ކަންތައްތަކާ ބެހި، ފާޑުކިޔާ ގޮތް ކިޔުމަކީ އެއް އިރެއްގައިވެސް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް، މިއަދު އެފަދަ ވާހަކައެއް އަފްނާންއާ ދައްކަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. އެކަމުގެ ސަބަބަކީ އަފްނާންގެ އަމަލުތައް ހުރި ގޮތެވެ. ބައްޕައެއްގެ ހައިސިއްޔަތުން އޭނާއަށް އަފްނާންއާ އެ ވާހަކަ ދެކެވެން ޖެހޭނެކަމަށް ނަޖީބު ޤަބޫލުކުރެއެވެ. އަފްނާންގެ ފަރާތުން އަންހެން ކުއްޖަކަށް އެހާ ދަށު ދަރަޖައިގެ ކަމެއް ކޮށްފާނެކަމަށް އޭނާއަށް އުންމީދުވެސް ކުރެވިފައެއް ނެތެވެ. އަޒްލަފްއާއި އަފްނާންއާ ދެމީހުން އެމީހުން ތަރުބިއްޔަތުކުރީ އެއްގޮތަކަށެވެ. ވީއިރު އަފްނާން އެފަދަ ގޮތަކަށް ކަންތައްކުރުމުން ޚުދު އޭނާވެސް ވަނީ ދެރަވެ ލަދުގަތްފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެހާ އިތުބާރުކުރި ދަރިއެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުމުން އެކަމާ ކޮންމެ މީހަކުވެސް ހިތްދަތިވާނެއެވެ.
"އަފްނާން. ހަމަ އެއްޗެކޭ ނުބުނާނީތަ؟" ނަޖީބު ދެންވެސް ވާހަކަ ދެއްކިއެވެ. އަފްނާންގެ ހިމޭންމެން އޭނާއަށް އުނދަގޫކުރުވަން ފެށިއެވެ. އަފްނާން އެ އިނީ ދެރަވެފައިކަން އޭނާއަށް އެނގެއެވެ. ހިމޭންކަމުގެ ސަބަބަކީ އެއީކަންވެސް އެނގެއެވެ. އެހެންނަމަވެސް ވާހަކަ ނުދައްކާ ހުރުމަކީ ވަކި ހައްލެއް ނޫންކަން ވެސް އެނގެއެވެ.
"އަފޫ…ބައްޕަމެންނާ ވާހަކަ ދެއްކީމައެއްނު އެނގޭނީ..." އަފްނާންގެ ފަރާތުން އޭނާއަށް އެ ފެންނަނީ މީގެ ކުރިން ދުވަހަކުވެސް ފެނުނު ކުލަވަރުތަކަކަށް ނުވާތީ ތަންކޮޅެއް މަޑުން އޯގާތެރި އަޑަކުން ނަޖީބު އަފްނާންއަށް ގޮވައިލިއެވެ. އޭނާ ރުޅިއައި ނަމަވެސް، އަފްނާން ވާހަކަ ނުދައްކާނެކަން އެނގޭތީވެސް މެއެވެ.
އަފްނާންއަށް އިސްއުފުލައިލެވުނެވެ. ބައްޕަ އޭނާއަށް އެ ގޮތަށް މުޚާތަބުކުރުމުން އަފްނާންގެ ހިތަށް ލުޔެއް ލިބިގެން ދިޔައެވެ. ބައްޕައަށް އޭނާގެ އިޙްސާސްތައް ފަހުމްވެއްޖެކަމުގައި އަފްނާންގެ ސިކުނޑި އޭނާއަށް ބުނެދޭން ފެށިއެވެ. ކަރުނައިގެ ވިދުން ފާޅުވަމުން ދިޔަ ދެލޮލުން އަފްނާންއަށް ނަޖީބަށް ބަލައިލެވުނެވެ.
ދަރިފުޅަށް ކޮށްފައިވާ އަސަރު އޭހާ ގާތުން ފެނުމާއެކު ނަޖީބަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އާއެކެވެ. އަފްނާންއަށް އޭނާގެ ކުށް އިޙްސާސްވެއްޖެއެވެ. އެހެންނަމަވެސް މިހާރު ވަކި ކުރެވޭނީ ކީއްހެއްޔެވެ؟ އެ ކަމެއް ވަނީ ހިނގާ ނިމިފައެވެ. ގިނަ ފަހަރަށް އިންސާނާއަށް ކުރެވޭ ކުށުގެ އިޙްސާސް ކުރެވެނީ، ވަގުތު ފާއިތުވާފަހުންނެވެ. އަފްނާންއަށް ވެސް ވެފައިވަނީ އެހެންނެވެ. ނަޖީބު ވަރަށް ފުން ނަަޒަކުން ލޯބިވާ ދަރިފުޅަށް ބަލައިލިއެވެ. މިވީ ދުވަސްކޮޅުގައި އަފްނާންގެ އެކަނިވެރިކަމާއި، އޭނާއަށް އައިސްފައިވާ ބަދަލުތައް ނަޖީބަށް ވެސް ފާހަގަކުރެވުނެވެ. އެ މޫނުމަތިން އެއްވެސް ކަހަލަ ދިރުމެއްގެ އަސަރެއް ނުފެނެއެވެ. ނާއުންމީދުވެފައިވާކަން އެމޫނުމަތީގެ އަސަރުތަކުން ފާޅުވަމުން ދިޔައެވެ.
"ދަރިފުޅާ. ރައްޔާގެ މަންމަ ވަރަށް އެބަ ދަރިފުޅު މަންމައަށް ގުޅާ. ރައްޔާ ދަރިފުޅާ ގަޔާވާ ވާހަކަ ބުނި. މިހުރިހާ ދުވަހު މަންމަ އަފޫ ވިސްނަން ބޭނުމޭ ބުނެގެން އެހުރީ. އެކަމަކު މިކަން މިގޮތަށް ވީމަ މަންމައަށްވެސް އެހުންނަނީ އެމީހުންނަށް ދޭނެ ޖަވާބެއް ނޭނގިފަ." ނަޖީބު އޯގާތެރިކަމާއެކު ބުނެލިއެވެ. އޭނާ ރިސާމާއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. އެ ހުރިހާއިރު ވަންދެން ނަޖީބާއި އަފްނާންއަށް ވާހަަކަ ދައްކަން ފުރުސަތު ދީގެން އިން ރިސާމާ ވާހަކަ ދެއްކީ ދެނެވެ.
"މަންމަ ނޫޅެން ދަރިފުޅަށް ކަމަކަށް މަޖުބޫރުކުރާކަށް. އެންމެ ކުރިން ފެށިގެންވެސް މަންމައަށް އެނގޭ ރައްޔާއަށް ދަރިފުޅު ކަމުދާކަން. އަދި މިހާރުވެސް. އެހެންވެ ރައްޔާއާ ދަރިފުޅުގެ ކައިވެންޏަށް އެހާ ބޮޑަށް އެދެވުނީ. އަދި ދޮންބެއަށްވެސް ވީ ގޮތުން... " ރިސާމާ ބުނެލިއެވެ.
"އަޅުގަނޑު ރައްޔާއާ ކައިވެނިކުރާކަށް ބޭނުމެއް ނޫން. " އަފްނާން އިއްވައިލިއެވެ.
"ތީ ދަރިފުޅުގެ ފަހުގެ ބަސް ދޯ." ނަޖީބު ސުވާލުކޮށްލިއެވެ.
"އަޅުގަނޑުގެ މި ނިންމުން ބަދަލެއް ނުވާނެ. " އަފްނާން ޔަޤީންކަމާއެކު، ބުނެލިއެވެ. އޭނާ ނަޖީބަށް ބަލައިލީ މާފުކުރާށޭ ބުނާފަދަ ނަޒަރަކުންނެވެ.
"މީ އަޅުގަނޑުގެ ފަހު ބަސް." އަފްނާން ބުނެލިއެވެ. އޭނާގެ އެ ނިންމުން ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އޭނާ ދުވަހަކު ވެސް މައުވާ ނޫން މީހަކާ އިންނާކަށް ބޭނުމެއް ނޫނެވެ.
މާފަހުން އެކަން އިޙްސާސް ވިނަމަވެސް، މާކުރީން ފަށައިގެން އޭނާގެ ހިތަކީ މައުވާގެ މިލްކެކެވެ. އެހިތުގެ ކޮންމެ ދިމާލެއްގައި ކުރެހިފައިވަނީ މައުވާގެ ސޫރައެވެ. ޖަހަމުން ދިޔަ ކޮންމެ ވިންދެއްގައިވެސް ވަނީ މައުވާއާ މެދު އެހިތުގައި އުފެދިފައިވާ ލޯތްބެވެ. އެކަން ޤަބޫލުނުކުރެވުމަކީ އޭނާގެ މޮޔަކެމެވެ. އެ ކުށުގެ ސަބަބުން އޭނާއަށް އެވަނީ މައުވާއާ ދުރުގައި ހުންނަން މަޖުބޫރުވެފައެވެ. މައުވާގެ މާފަށް އެދި ސަލާން ޖަހަން މަޖުބޫރުވެފައެވެ. އެ ލޯތްބަށްޓަކައި އެހިތުގައި އިންތިހާއަށް ރިހެއެވެ. އޭނާއަށް މައުވާއާ ދޭތެރޭ ކަންތައްކުރެވުނު ގޮތް ހިތަށް އަރުވާލާފައި އެއީ އޭނާ މައުވާއަށް ދިން ހިތާމައިގެ ޒައްރެއްގެ މިންވަރެއް ވެސް ނޫނޭ އަފްނާންގެ ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ހިތް ހީވަނީ ތޫނު ހަންޖަރަކުން ކަފާ ކުދިކުދި ކުރާހެންނެވެ.
"އަޅުގަނޑު… އަޅުގަނޑު މައުވާ ދެކެ ލޯބިވޭ…" އަފްނާންއަށް ބުނެވުނެވެ. އޭނާ އިސްޖަހައިލީ އެހެން ބުނެލިއިރު ނަޖީބަށް ބަލަހައްޓައިގެން އިންނަން ނުކެރުމުންނެވެ. ޖެހިލުންވިނަމަވެސް ހިތުގައިވާ އިޙްސާސްތައް ފާޅުކޮށްލަން އަފްނާން ބޭނުންވީ ބައްޕަ މިރޭ އޭނާގެ އަޑު އަހާނެކަމުގެ ޔަޤީންކަމާއެކުގައެވެ.
(ނުނިމޭ)