19 Jul 2012, 10:48
ރާއްޖޭގައި މަރަށް މަރު ހިފުމުގެ ވާހަކަ މިފަހަކަށް އައިސް ގިނަ ބަޔަކު ދައްކަމުން ދެ އެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާތީ މަރުގެ އަދަބު ދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުން ބޭނުން ވެސް ވެއެވެ. އަދި އެވާހަކަ އަބަދުހެން ދައްކަ އެވެ. އާންމުން އެކަމަށް އެދިއެދި ތިއްބާ މިދިއަ ހުކުރު ދުވަހުގެ ޚުތުބާ ވެސް އަމާޒުވެފައި ވަނީ މަރަށް މަރުހިފުމުގެ މައްޗަށެވެ. ހުކުރު ޚުތުބާއަކީ ސިޔާސީ މީހުން އެވަގުތަކު ހިތައް އެރިއްޔާ ހިތުހުރިގޮތަކަށް ދައްކާ ވާހަކައެއްފަދަ އެއްޗެއް ނޫނެވެ. އެއީ އިސްލާމް ދީނުގައި ކަންކަން އޮންނަގޮތް އަންގައިދީ ދީނީ ކަންތައްތަކަށް އިތުރަށް ހޭލުންތެރިކުރުމުގެ ގޮތުންދޭ ޚުތުބާއެކެވެ.
މިދިޔަ ހުކުރު ދުވަހުގެ ޚުތުބާގައި އިވިގެން ދިޔައީ މަރަށް މަރު ހިފުމަށް ޝަރީއަތުން ހުކުމް ކުރުމުން ކުށްވެރިޔާއަށް މައާފް ދިނުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެން ނުވާކަމަށެވެ. އެބާރު ލިބިގެންވަނީ ހަމައެކަނި މަރުވި މީހާގެ ވާރުތަވެރިންނަށް ކަމަށް އެ ޚުތުބާގައި ބުނެފައިވެއެވެ. ހަމައެއާ އެކު އެ ޚުތުބާގައި ބުނަނީ މީހަކު މެރުމުގެ ހުކުމް ތަންފީޒު ކުރަންވާނީ ރާއްޖޭގެ ޝަރުއީ މަރުހަލާގެ އެންމެ މަތީ ކޯޓުން އެ ހުކުމް ކުރުމުން ކަމަށެވެ.
ކްރިމިނަލް ކޯޓުން ނޫންނަމަ ޖުވެނައިލް ކޯޓުން މީހަކު މެރުމަށް ހުކުމް ކުރުމުން އެ ހުކުމް ފުރަތަމަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފު ކުރާށެވެ. ހައިކޯޓުން އެ ހުކުމާ މެދު ވަކިގޮތެއް ނިންމުމުން ދެން ޖެހޭނީ އެ މައްސަލަ އެންމެ މަތީ ކޯޓުކަމަށްވާ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރާށެވެ. ނަމަވެސް މިހާތަނަށް ކަންވެފައި އޮތް ގޮތަށް ބަލާއިރު އެފަދަ މައްސަލަތައް އެންމެ މަތީ ކޯޓާއި ހަމަޔަށް ދިޔުމަށް މިވަނީ ބޮޑު ހުރަހެއް އެޅިފަ އެވެ.
ތޫނުއެއްޗަކުން ހަމަލާދީ ސ. ހުޅުދޫ، ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި މައްސަލައިގައި 2010 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ ފަރުހާދުގެ ވާރުތަވެރިން ބޭނުން ވަނީ ގާތިލުގެ ކިބައިން މަރަށް މަރު ހިފުންކަމަށް ވެފައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ގ. ރީފް، މުހައްމަދު ނަބީލު ގަސްތުގައި ފަރުހާދު މަރާލިކަން ޝަރީއަތަށް ސާބިތުވާތީ އޭނާ މެރުމަށް ހުކުމް ކުރީ ކަމަށެވެ. އެގޮތަށް ހުކުމް ކުރުމުން ނަބީލުގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އަދި ވެސް އެ މައްސަލަ ހައިކޯޓުން ނިންމާފައެއް ނުވެއެވެ.
ތޫނުއެއްޗަކުން ހަމަލާދީ 2007 ވަނަ އަހަރު ހ. ކުބުރާ އަލީ އިޝާރު މަރާލިކަމަށް ތުހުމަތު ކުރެވުނު މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ ގެ މައްޗަށް އެކުށް ސާބިތު ނުވާކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައާ މެދުވެސް އަދި ހައިކޯޓުން ވަކިގޮތެެއް ނިންމާފައެއް ނުވެއެވެ.
މިގޮތަށް ކަންތައް ވަމުންދާނަމަ މިހާރު ވެސް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގައި ހުރި މަރުގެ މައްސަލަތަކާމެދު އެ ދެ ކޯޓުން ވަކިގޮތަކަށް ހުކުމް ކުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިނަމަ އަވަހަކަށް މައްސަލަ ބަލައި ނިމޭނެ ހެނެއް ހިޔެއް ނުވެއެވެ.
ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ވިދާޅުވިގޮތުގައި ހައިކޯޓަށް ހުށަހެޅިފައިވާ މަރުގެ މައްސަލަތައް ނުބެލި ގިނަ ދުވަސްތަކެއް ވަނީ އެ ކޯޓުން ބަލަންޖެހޭ ބެލުންތައް ގިނަ ކަމުން ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ހައިކޯޓުން މައްސަލަ ބަލާއިރު އެ މައްސަލައެއްގައި ހުންނަ ހުރިހާ ގާނޫނީ ނުކުތާއަކަށް ބަލައެވެ. އަދި އެ ކޯޓުން މައްސަލައެއް ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވާއިރު އެ ތިން ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކުވެސް އެ މައްސަލަ ބައްލަވަނީ ވަކިވަކިން ކަމަށް ވާތީ އެއީވެސް މައްސަލަ ދިގުދެމިގެންދާ ސަބަބެއް ކަމަށް އޭނާ ވިދާޅުވެއެވެ.
"ހައިކޯޓުގެ މަރުހަލާގައި ބަލަންޖެހޭ ކަންތައް ގިނަވެ އަދި ބަލަންޖެހޭ ކަންތައް ފުރިހަަމަ ކުރަން ވެސް ޖެހޭ. ހައިކޯޓުން މައްސަލައިގެ ހުރިހާ ގާނޫނީ ނުކުތާތަކަށް ވަރަށް ފުރިހަމަޔަށް ބަލާނެ. އަނެއްކާ ކޮންމެ މައްސަލައެއް ބަލަނީ ތިން ފަނޑިޔާރަކުންގެ ބެންޗަކުން. އަދި އެ ތިން ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކު އެ މައްސަލަ ވަކި ވަކިން ބަލާނެ. އެހެންވީމަ އެ ލަސް ވަނީ،" ޒަނީން ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވިގޮތުގައި ހައިކޯޓުގައި ހުރި މައްސަލަތައް ލަސްވަނީ އެ ކޯޓުގައި އެކަށީގެންވާ ވަރަށް އިންސާނީ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ނެތުމުންނެވެ. އޭނާ ވިދާޅުވާގޮތުގައި މައްސަލަތައް ލަސްވުމުގައި އެކޯޓުގެ މުވައްޒަފުންގެ ކެޕޭސިޓީއާއި ފެންވަރު ދަށްކަމުން ވާކަމެއް ކަމަށް ބުނެވޭކަށް ނެތެވެ.
އޭނާ ވިދާޅުވާ ގޮތުގައި ކޮންމެ ކޮންމެ މައްސަލައަކީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއް ގޮތުގައި މިހާރު އޮތް އޮތުން ބަދަލުކުރަން ޖެހެ އެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި މިސާލަކަށް ސިންގަޕުރުގައި އިސްތިއުނާފީ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތައް ބަލައިގަނެ ރާއްޖޭގައި ވެސް އޭގައި ހުރި ރަނގަޅު ކަންތައް ތައް ބަލައިގަނެ އެގޮތަށް އަމަލު ކުރުމަކީ ހައިކޯޓުގައި ހުރި މައްސަލަތައް އަވަސް ކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާކަމެއް ކަމަށް ވެސް ޝާހު ދެކެވަޑައިގަންނަވަ އެވެ.
"ކޮންމެ މައްސަލައަކީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއް ނޫންކަމަށް އެބަޖެހޭ ކަނޑައަޅަން. ދުނިޔޭގެ ތަރައްގީވެފައި ހުރި ގައުމުތަކުގައި މިސާލަކަށް ސިންގަޕޫރުގައި އިސްތިއުނާފީ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތައް ބަލައިގަނެ ރާއްޖޭގައި އެބަޖެހޭ އޭގައި ހުރި ރަނގަޅު ކަންތައް ތައް ބަލައިގަންނަން. މިއީ ހައިކޯޓުގައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް،" ޝާހު ވިދާޅު ވިއެވެ.
ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވިގޮތުގައި ހައިކޯޓުން މައްސަލައް ނުނިމި ދިގުލާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ އެވެ. ހައިކޯޓަކީ ދަށު ކޯޓުގައި ދައްކާފައި ހުރި ވާހަކަތަކާއި ނިންމާފައިވާ ނިންމުންތަކާއި އެ ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ތޯ ނުވަތަ ނޫންތޯ ކަނޑައަޅާ ކޯޓަކަށް ވާއިރު އެ ކޯޓުން އެ މައްސަލައަކާ ގުޅިގެން ދަށު ކޯޓުގައި ނުދައްކާ ވާހަކަޔަކަށް ރިއާޔަތް ކުރަން ނުޖެހެ އެވެ. އެހެންވީމަ ހައިކޯޓުގައި މައްސަލަ ދިގުލާންޖެހޭ ސަބަބެއް ނޯންނާނެ އެވެ.
"ހައިކޯޓަކީ ދަށު ކޯޓުގައި ދައްކާފައި ހުރި ވާހަކަތަކާއި ނިންމާފައިވާ ނިންމުންތަކާއި އެ ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ތޯ ނުވަތަ ނޫންތޯ ކަނޑައަޅާ ކޯޓެއް. މައްސަލައަކާ ގުޅިގެން ދަށު ކޯޓުގައި ނުދައްކާ ވާހަކަޔަކަށް ހައިކޯޓުން ރިއާޔަތް ކުރަން ނުޖެހޭ އިރު މައްސަލަތައް ނުނިމި އެހާ ގިނަ ދުވަސް ވާންވީ ސަބަބެއް ނޯންނާނެ." ޝާއިރު ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވިގޮތުގައި ހައިކޯޓުން މައްސަލަތައް ނުނިމި ދިގުލާ ސަބަބުތަކުގެ ތެރޭގައި ކޯޓަށް މީހުން ހާޒިރުކުރުމުގައި ހަރުދަނާ އުސޫލެއް ނެތުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސްނުވެ އޮތުމަކީ ވެސް ހިމެނެއެވެ.
އޭނާ ވިދާޅުވީ ޖިނާއީ މައްސަލަތައް އާންމުކޮށް ސާބިތު ކުރަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވުމުން ކަމަށް ވިޔަސް މަރުގެ މައްސަލަތައް ސާބިތު ވާނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ މައްސަލައެއް ސާބިތު ވުމުން ކަމަށެވެ. އެހެންކަމުން މީހުންގެ ފުރާނައާއި ގުޅިފައިވާ މައްސަލަތަކަކަށް ވާތީ މަރުގެ މައްސަލަތަކުގައި ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ތޯ ހައިކޯޓުން ވަރަށް ފުރިހަމަޔަށް ބަލަން ޖެހޭކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައްސަލަތައް ލަސް ވަނީ އެހެން ވެގެން ކަމަށެވެ.
"އާންމުކޮށް ޖިނާއީ މައްސަލަތައް ސާބިތު ވަނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުން. ނަމަވެސް އެއާއި ޚިލާފަށް އިންސާނާގެ ފުރާނައާއި ގުޅިފައިވާ މައްސަލައަކަށް ވާތީ މަރުގެ މައްސަލަ ތަކުގައި ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ތޯ ހައިކޯޓުން ބަލަން ޖެހޭތީ ގިނަ ދުވަސް ވާނެ،" އަހުމަދު ވިދާޅުވި އެވެ.
ހައިކޯޓުގައި މަރުގެ މައްސަލަތައް އިސްތިއުނާފު ކުރުމުން އެ މައްސަލަތައް ދިރާސާ ކުރަން އެ ކޯޓުން ގިނަ ދުވަސްތަކެއް ނަގާކަމަށްވާނަމަ ރާއްޖޭގައި މަރަށް މަރުހިފުން އެހާއަވަހަކަށް ތަންފީޒު ކުރެވިދާނެ ކަމަށް ނުފެނެއެވެ. އެހެންކަމުން މިއީ ވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ހައްލު ކުރަން ޖެހިފައިވާ ކަމެކެވެ.