މިއަދަކީ 1433 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެއެވެ.

އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުރުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު އޮތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތު އޮތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
ދިވެހިރާއްޖެ އާއި އަދިވެސް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހަމަ އެހެންމެ އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ހަނދު ނުފެންނާނެކަމަށް ދައްކާ ނަމަ ވެސް އޮތީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަ ކުރުމެވެ.

ލީބިޔާ ފަދަ ބައެއް ގައުމުތަކުގައި އަމަލު ކުރާ އުސޫލަށް ބަލާއިރު، އިޤްތިރާން ވުމަށް ފަހު، ދެން އިރު އަރާނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށެވެ. މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވީ، ޖުލައި 19 ވާ ބުރާސްފަތި ދުވަހު (މިއަދު) ރާއްޖޭ ގަޑިން ހެނދުނު 09:24 ގައެވެ. އެހެންވީމާ އިޤްތިރާން ވުމަށް ފަހު ދެން އަންނަ ދުވަހަކީ ހުކުރު ދުވަހެވެ.

ސަޢުދީ ޢަރަބިއްޔާގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން އިޤްތިރާން ވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. އިޤްތިރާން ވީ މައްކާ ގަޑިން މިއަދު ހެނދުނު 07:24 އެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑިން 19:05 ގައެވެ. ހަނދު އޮއްސޭނީ 19:11 ގައެވެ.

އެހެން ކަމުން ސަޢުދީ ޢަރަބިއްޔާގައި އަމަލުކުރާ އުސޫލުން ބެއްޔަސް، އަދި ލީބިޔާ ފަދަ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން ބެއްޔަސް މިއަދަކީ މިއަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. އަދި މާދަމާ، 20 ޖުލައި 2012 ވާ ހުކުރު ދުވަހަކީ 1433 ވަނަ އަހަރުގެ މުލަ ރޯދަ ދުވަހެވެ. އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިއުލާންކޮށްފައެވެ.