13 Mar 2025, 21:46
އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނާ ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ރައްޔިތުންނާއި އެޗްޑީސީ އަދި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށެވެ.
"އަވައްޓެރި ރޯދަ ވީއްލުން" ރޭވިފައިވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި "އަވައްޓެރި ރޯދަ ވީއްލުން" ބާއްވަނީ -- ފޮޓޯ: އެޗްޑީސީ
އެގޮތުން، ފުރަތަމަ ރޯދަ ވީއްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު، ހުޅުމާލޭ ފޭސް އެކެއްގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ، 'ރަނައުރާ މަގު'ގައެވެ.
"ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދޭ ބައެއް. އެގޮތުން މިފަހަރު ވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއް ބައިވެރިވުމާއި އެއްބާރުލުމާއެކު،" ހެޑް އޮފް މާކެޓިން އެންޑް ޕީއާރު ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވިއެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމެވެ.