19 Jul 2012, 09:57
ރައްޔިތުން މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ 14 ބިލިއަން ރުފިޔާގެ ބަޖެޓް ވަރަށް ބޮޑަށް ތާށިވެ ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ބަޖެޓަށް ބަދަލުތަކެއް ގެންނަން ފިނޭންސް މިނިސްޓްރީން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އެޕްރޫވަލް އަށް ފޮނުވައިފި އެވެ.
މެދުކެނޑުމަކަށް ފަހު އަލަށް އެކުލަވާލި މާލިއްޔަތު ކޮމެޓީން ފުރަތަމަ ފަހަރަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ބަޖެޓަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ކޮމެޓީގައި މެންބަރުން ވަނީ މަޝްވަރާކޮށްފަ އެވެ.
އެންމެ ހޫނުކޮށް މެންބަރުން އިއްޔެ ބަހުސް ކުރެއްވީ ކޮންޓެންޖެންސީ ބަޖެޓުގެ ތެރެއިން ޖެނެރަލް ކޮންޓެންޖެންސީ އަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވެ އިތުރަށް ހަރަދުކުރުމަށް މުސާރައިގެ ކޮންޓެންޖެންސީ ބަޖެޓުން ޖެނެރަލް ކޮންޓެންޖަންސީ ބަޖެޓަށް ފައިސާ ބަދަލުކުރުމަށް ފިނޭންސުން ހުށަހަޅާފައިވާ މައްސަލައާ މެދު އެވެ.
ކޮންޓެންޖެސީ ބަޖެޓުގައި ހިމެނެނީ ޖުމްލަ ތިން ބަޔެކެވެ. އެއީ ޖެނެރަލް ކޮންޓެންޖެންސީ އާއި މުސާރައިގެ ކޮންޓެންޖެންސީ އަދި ޕީއެސްއައިޕީ ކޮންޓެންޖެސީ އެވެ. ފިނޭންސަށް ކޮންޓެންޖެންސީ ބަޖެޓުގެ ގޮތުގައި ޖުމްލަ ދޫކޮށްފައި ވަނީ ކޮންމެ ދާއިރާއަކަށް 50 މިލިއަން ރުފިޔާގެ މަގުން 150 މިލިއަން ރުފިޔާ އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މައްސަލަ ކޮމެޓީއަށް ހުށަހަޅުއްވަމުން ވިދާޅުވީ ޖެނެރަލް ކޮންޓެންޖެންސީ ބަޖެޓުގައި މި ހާރު ބާކީއޮތީ ހަ މިލިއަން ރުފިޔާ ކަމަށާއި ސަރުކާރުން ކޮންމެހެންވެސް ކުރަން ޖެހޭ ބައެއް ހަރަދުތައް ކުރުމަށް ޖެނެރަލް ކޮންޓެންޖަންސީ ބަޖެޓަށް މުސާރައިގެ ކޮންޓެންޖަންސީންނާއި އަދި ޕީއެސްއައިޕީން، ޖެނެރަލް ކޮންޓެންސީގެ ބަޖެޓަށް ލާރި ޓްރާންސްފާ ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މި މައްސަލަ އަވަސް ވެސް މި ކުރީ މިނިސްޓަރު ވެސް އަޅުގަނޑަށް ގުޅުއްވާފައި މި މައްސަލަ އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެން މި ފައިސާ އެގޮތަށް ހަމަޖައްސަން ވަރަށް އަވަހަށް ބޭނުންވާ ކަމަށް ވިދާޅުވީމާ،" ނާޒިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވީ ބަޖެޓަށް ތާށިކަމެއް އައިސްގެން ބަޖެޓަށް ބަދަލުތަކެއް ގެންނަން މަޖިލީހަށް ހުށަހަޅަން ޖެހުނީ ފެބުރުއަރީ އަށެއްގައި ހުޅުޖަހާ ގެއްލުން ދިން ބައެއް އިމާރާތްތަކަށް މިހާރުން މިހާރަށް ގިނަ ހަރަދުތަކެއް ކުރަން ޖެހިފައި ހުރުމުން ކަމަށެވެ. އަދި އެ މައްސަލަ ކޮމެޓީން އަވަހަށް ނިންމަވައި ދެއްވުމަށް ނާޒިން އެދިވަޑައިގަތެވެ.
ނަމަވެސް މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވައި އެމްޑީޕީން މެންބަރުން ވިދާޅުވީ ޖުމްލަ ފައިސާގެ އަދަދަށް ބަދަލުތަކެއް ނާންނަ ނަމަ އުސޫލެއްގެ ގޮތުން އެ ހުއްދަ ފިނޭންސް މިނިސްޓްރީ އަށް ދެވިދާނެ ކަމަށާއި ނަމަވެސް އޭގެ ކުރިން ޖެނެރަލް ކޮންޓިންޖެންސީ ބަޖެޓުން މިހާތަނަށް ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލު އަދި ކުރިއަށް ކުރަން ހުރި ހަރަދުތަކުގެ ތަފްސީލް ބޭނުންވާނޭ ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ އެ ހުއްދަ ފިނޭންސް މިނިސްޓަރަށް ކޮމެޓީން ދެވިދާނެ ކަމާ މެދު ގާނޫނީ ގޮތުން ސުވާލުއުފެދޭ ކަމަށެވެ.
"މީގައި އުފެދޭ ގާނޫނީ ސުވާލު ވެސް އެބަ އޮތް، އެހެންވީމައި މި ކަންކަން ސާފުނުވަނިސް ހުއްދަ ދީފިއްޔާ މިނިސްޓަރު ވިދާޅު ވާނީ އަޅުގަނޑުމެން ހުއްދަދީގެންނޭ އެކަން ކުރީ، މި ކޮމެޓީގެ ބޮލުގައި އެކަން އެޅޭނީ، އެހެންވީމާ އޭގެ ކުރިން ސާފު ކުރަން ޖެހޭ މައުލޫމާތުތައް ސާފުކުރަން ޖެހޭނެ،" އިލްޔާސް ލަބީބު ވިދާޅުވި އެވެ.
އެމްޑީޕީ މެންބަރުން އެގޮތަށް ވިދާޅުވި ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަމުން ގެންދެވީ އެ ހުއްދަ ފިނޭންސް މިނިސްޓްރީއަށް މިހާރުން މިހާރަށް ވެސް ދޭން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ގެއްލުންވާނީ މުޅި ދައުލަތަށް ކަމަށެވެ.
"އަޅުގަނޑުމެން މިނިސްޓަރު އެ ކުރައްވާ މަސައްކަތައް ޖެއްސުން ކުރަން އުޅެގެން ނުވާނެ، އަޅުގަނޑުމެން ބަލަން ޖެހޭނީ މިނިސްޓަރުގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް،" ކޮމެޓީއާ އަލަށް ގުޅިވަޑައިގެންނެވި އަބްދުﷲ ޖާބިރު ވިދާޅުވި އެވެ.
އެ މައްސަލައިގައި މެންބަރުންގެ ހިޔާލު ތަފާތުވުމުން މުގައްރިރު ވަނީ ކޮންފަރެންސް ކޯލް މެދުވެރިކުރައްވައި މެންބަރުން ބޭނުންވި ބައެއް ސުވާލުތަކަށް ފިނޭންސްގެ އިސް އޮފިޝަލަކު މެދުވެރިކުރައްވާ ޖަވާބު ދެއްވައިފަ އެވެ. އޮފިޝަލް ވިދާޅުވީ ޖެނެރަލް ކޮންޓިންޖެންސީ ބަޖެޓަށް ފައިސާ ބަދަލުކުރަން ޖެހެނީ ކައުންސިލްތަކަށް ކުރަން ޖެހޭ ބައެއް ހަރަދުތަކާއި ދައްކަން ޖެހޭ ބިލުތަކެއް ހުރީމައި ކަމަށެވެ.
އެ މައްސަލައިގައި މެންބަރުން ބޭނުންވި ބައެއް މައުލޫމާތު ސާފުވި ނަމަވެސް އެ މައްސަލައިގައި މެންބަރުންގެ ހިޔާލު ތަފާތުވުމުން ކޮމެޓީގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ އިއްތިފާގުން ނިންމީ ކޮންޓެންޖެންސީގެ ބާކީ ހުރި 25 ޕަސެންޓް ޖެނެރަލް ކޮންޓެންޖެންސީގެ ގޮތުގައި ހަރަދުކުރުމަށް އެޕްރޫވަލް ދޭގޮތަށެވެ. އަދި ޖެނެރަލް ކޮންޓެންޖެންސީގެ ގޮތުގައި އިތުރަށް ފައިސާ ހަރަދުކުރަން ހުއްދަ ދެވޭނީ ކޮމެޓީގެ މެންބަރުން ބޭނުންވާ ހަރަދުތަކުގެ ތަފްސީލްތައް ފޮނުވުމުން ކަމަށްވެސް ކޮމެޓީން ނިންމި އެވެ.