24 Aug 2010, 07:05
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ތިން ބޭފުޅެއްގެ ނަން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހަޅައިފި އެވެ.
އެ ކޮމިޝަންގެ ރައީސްގެ މަގާމަށް މުހަންމަދު ފަހުމީ ހަސަން، އަދި ނާއިބު ރައީސްގެ މަގާމަށް އަހުމަދު ހަސަން ދީދީގެ ނަން ހުށަހެޅުއްވީ ޑީއާރުޕީ އަށް ނިސްބަތްވާ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އާޒިމުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ތޮއްޑޫ ދާއިރާގެ ޑީއާރުޕީ މެންބަރު އަލީ ވަހީދެވެ.
ދެ ވަނަ ހުށަހެޅުމެއްގެ ގޮތުގައި، ގައުމީ ޕާޓީ އަށް ނިސްބަތްވާ، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވައި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ތާއީދު ކުރެއްވީ، ރައީސަކަށް ޑރ. މުހަންމަދު ލަތީފާއި ނާއިބު ރައީސަކަށް ފަހުމީ ހަސަން އެވެ. އެ ދެ ބޭފުޅުންނަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހީމާއި ޕީއޭގެ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވެސް ތާއީދު ކުރެއްވި އެވެ.
ނަމަވެސް އެ ދެ މަގާމުގެ ވޯޓުލުން އޮންނާނީ މިއަދު 13:30 ގައި ކަމަށް މަޖިލީހުގެ ރައީސް އިއުލާން ކުރެއްވި އެވެ.