މިދިޔަ ޖޫން މަހުގެ ށ. ފޭދޫގެ ގިފިއްޏެއްގެ ތެރޭގައި ދުވަސްނުފުރައި ވިހައި، މަރާލުމަށް ފަހު ވަޅުލާފައި އޮއްވައި ފެނުނު ކުޑަ އަންހެން ކުއްޖާގެ މައްސަލަ އެޗްއާރުސީއެމުން ވެސް ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކުގެ ތަފްސީލު ދެމުން ބުނީ ފޭދޫގައި 15 އަހަރުގެ އަންހެން ކުއްޖަކު ދުވަސް ނުފުރާ ވިހައި ދަރިފުޅު މަރާލުމަށް ފަހު ވަޅުލި ކަމަށް ބުނާ މައްސަަލަ އެކޮމިޝަނުން ވެސް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އެކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގެ މާބޮޑު ތަފްސީލެއް ނުދެެ އެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން މިހާތަނަށް ފޭދޫން ހަތް މީހަކު ހައްޔަރުކޮށްފައިވާ އިރު އެމީހުންގެ ތެރޭގައި ހިމެނެނީ އެތުއްތު ކުއްޖާގެ މަންމަ ކަމަށް ތުހުމަތުކުރެވޭ އަންހެން ކުއްޖާ އާއި އޭނާގެ މަންމަ އާއި ދޮންބައްޕަ އެވެ. މީގެއިތުރުން އެ މައްސަލަ ތަހުގީގު ކުރުމަށް އެ ރަށަށް ދިޔަ ފުލުހުންގެ ޓީމަށް ހުރަސްއެޅި ހަތަރު މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މިމައްސަލާގައި ހިމެނޭ 15 އަހަރުގެ އަންހެން ކުއްޖާ ބަލިވެ އިނދެ ވިހެއި އެކުއްޖާގެ ދޮންބައްޕައަށް ކަމަށް ބުނެ އެރަށު ތެރޭގައި އަޑުތައް ފެތުރިފައިވާއިރު އެ ރަށުގެ ބައެއް މީހުން އެއަންހެން އެކުއްޖާއާ އެކި ފަހަރުމަތިން ބަދުއަހުލާގީ އަމަލްތައް ހިންގާފައިވާ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް ވެސް އެ ރަށު މީހުން ވަނީ ބުނެފަ އެވެ.