18 Jul 2012, 17:44
ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. އަންވަރު އަލް-އަގްހާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި މިބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގެ މައްޗަށް ރައީސް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގައި މިހާރު އޮތް ޑިމޮކްރަސީގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާ ކަމަށް ވިދާޅުވެ، ދައުލަތުން މިހާރު އެއްވެސް މީޑިއާއެއްގެ މައްޗަށް ބާރު ނުފޯރުއްވާކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ފަލަސްތީނާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ވިޔަފާރިއާއި ޓުއަރިޒަމްފަދަ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް ގައުމުގެ ކަންކަން ހަމައަކަށް އެޅުއްވުމަށް ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފަލަސްތީނުގެ ސަފީރު ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެތެރޭގެ ކަންކަން ހައްލުކުރެއްވުމުގައި ބޭރުގެ ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ އަމިއްލައަށް އެކަންކަން ހައްލުކުރުމުގެ މުހިންމުކަން ވެސް ސަފީރު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.