މަރުކަޒީ ބޭންކް، އެމްއެމްއޭ ކައިރިއަށް ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީގެ ސަޕޯޓަރުން އެއްވެ ކުރި މުޒާހަރާ ރޫޅައިލުމުގައި ފުލުހުން އަމަލު ކުރ ގޮތުން އެތައް ބައެއްގެ އިންސާނީ ހައްގު ގެއްލިފައިވާކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ތަހުގީހަށް ސާބިތުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމުން ބުނީ ގިނަ ބަޔަކު އެއްވި އެ މުޒާހަރާ ރޫޅައިލަން ގާނޫ އަސާސީ އާއި ފުލުހުންގެ ގާނޫނާއި ގަވައިދުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް އެކަށީގެންނުވާ ބާރު ފުލުހުން ބޭނުންކޮށްފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ.

"އަދި މިިކަމުގައި މިއަމަލުތައް ހިންގުމުގައި ޒިންމާވަންޖޭ ފަރާތްތަކުން ޒިންމާ އުފުލަން ޖެހޭނެ ކަމަށް ކޮމިޝަނުން ދެކެން،" ކޮމިޝަންގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވި އވެ.

އަޒުރާ ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އައްޑޫ ސިޓީން ފުލުހުން ހައްޔަރު ކުރި މީހުން އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް ހުށަހެޅުނު އިރު އެމީހުނަށް ލިބެންޖެހޭ އަސާސީ ހައްގުތައް އެކަށީގެންވަ ގޮތުގައި ފޯރުކޮށް ދީފައި ނުވާ ކަމަށެވެ. ބަންދުގައި މީހުން ބައިތިއްބާ އިމާރާތްތައް ރޯކޮށްލުމުގެ ސަބަބުން ގެއްލުންތައް ލިބި ބަންދުކުރި މީހުނަށް ގާނޫނުން ލާޒިމް ކުރާ ހައްގުތައް ވެސް އެކަށީގެންވާ ގޮތުގައި ދެވިފައި ނުވާ ކަމަށެވެ.

"ހަމަނުޖެހުންތަކުގެ ސަބަބުން އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުން ހިތްތަކުގައި ބިރުވެރިކަން އުފެދުނު އެތައް ހައްގަކުން ރައްޔިތުން މަހުރޫމްވި އަދި އެ ސިޓީގެ ކޯޓްތަކާއި ފުލުހުންގެ މަރުކަޒުތަކާއި ތަކެއްޗަށް އިޔާދަ ނުކުރޭވެނެ ގެއްލުން ލިބުނު. ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ވަރަށް ގިނަ ހިދުމަތްތަކަށް ހުރަސް އެޅުނު،" އަޒުރާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެދުވަހު އެ ސިޓީން ހައްޔަރު ކުރި ކޯސްޓްގާޑަށް އަރުވާ ތަޅައި އަނިޔާ ކޮށް އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގި ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށެވެ.

ފެބްރުއަރީ އަށެއްގެ މުޒާހަރާ ރޫޅައިލުމުގައި އަމަލު ކުރި ގޮތުން ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާއި ގަވައިދުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ އެއް ގޮތަށް ސަލާމަތީ ބާރުތަކުން އަމަލުކޮށް ފުލުހުނަށް ތަމްރީނު ދިނުމުގައި އިސްލާމީ ރީތި އުސޫލާއި އިންސާނީ ޝަރަފާއި ގަދަރަށް ހުރުމަތްތެރިކޮށް ހިތައިގެން އަމަލު ކުރަން ތަހުގީގު ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އެ ރިޕޯޓްގައި އެ ދުވަހު ރާއްޖޭގެ އެހެން ރަށްރަށަށް ލިބުނު ގެއްލުންތަކާއި ހިނގި ހަމަނުޖެހުންތައް ހިމަނާފައި ނުވާނީ ކީއްވެގެންތޯ ސުވާލު ކުރުމުން އަޒުރާ ވިދާޅުވީ އޭރު ހާލަތާއި ސެކިއުރިޓީ އޮތް ގޮތުން ކޮމިޝަންގެ އިންވެސްޓިގޭޓަރުންނަށް ދަތުރުތައް ކުރެވިފައި ވަނީ އައްޑޫއަށް އެކަނި ކަމަށައި އެހެން ރަށްރަށުގެ ބައިތައް ފުރިހަމަކޮށް މިހަރު އެކުލަވާލާފައިވަ ކަމަށެވެ.