ފެބްރުއަރީ ހަތް ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަނިޔާކޮށް އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށައި ހަފުތާއެއްގެ ތެރޭގައި ކަމާބެހޭ ފަރާތްކަށް އެ ރިޕޯޓް ފޮނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ކޮމިޝުންގެ މެންބަރު އަހުމަދު އަބްދުލް ކަރީމް މިއަދު ވިދާޅުވީ ފެބްރުއަރީ ހަވަނަ ދުވަހުގެ ރެއާއި ހަތް ވަނަ ދުވަހުގެ ހާދިސާތަކުގެ ތެރެއިން ކޮމިޝަނުން ބަލާފައި ވަނީ އެ ދުވަހު ރައީސް ނަޝީދަށް އަނިޔާކޮށް އަވަހާރަކޮށްލަން އުޅުނު ކަމަށް ލިބިފައިވާ މައުލޫމާތެއްގެ މައްސަލަ ކަމަށާއި މިހާރު ނިމިފައިވާ އެ ތަހުގީގުގައި ވެރިކަން ވެއްޓުނު ގޮތް ނުހިމެނޭ ކަމަށެވެ.

"އެދުވަހު [ވެރިކަން ބަދަލުވި ދުވަހު] ރައީސް ނަޝީދަށް އެެއްވެސް ގެއްލުމެއް ލިބވަޑައިގެންނެވިތޯ ނުވަތަ އެމަނިކުފާނުގެ އިންސާނީ ހައްގަށް ބުރޫއަރެާފަދަ ކަމެއް ކޮށްފައިވޭތޯ އަޅުގަނޑުމެން ވާނީ ތަހުގީގުކޮށްފައި. އަޅުގަނޑުމެން ބެލިން އެމަނުކިފާނަށް އަނިޔާކޮށް އަވަހާރަކޮށްލަން އުޅުނު ކަމަށް ލިބުނު މައުލޫމާތެއް،" އަހުމަދު ވިދާޅުވި އެވެ.

ނިމިފައިވާ އެ ރިޕޯޓްގެ އެބައިގެ އެއްވެސް ތަފުސީލެއް ނުދެއްވައި އަހުމަދު ވިދާޅުވީ އެ ރިޕޯޓް ނިމިފައި ވިޔަސް ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅޭނީ އަންނަ ހަފުތާގައި ކަމަށެވެ.

ފެބުރުއަރީ ހަވަނަ ދުވަހުގެ ރޭގެ ހާދިސާތަކާއި ހަތް ވަނަ ދުވަހުގެ ހާދިސާތަކުގެ ތެރެއިން ވެރިކަން ވެއްޓުނު ގޮތް ނުބަލާއިރު ބަލަނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ ބަލާފައި ވަނީ ހަވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައިި މުޒާހަރާ ކުރިއިރު މީހުންގެ އިންސާނީ ހައްގަށް އަސަރުފޯރާފައިވާ ކަންކަމާއި މީހުނަށް އަނިޔާވުން ކަމަށެވެ. އަދި ހަތްވަނަ ދުވަހުވެސް ބަޔަކަށް އަނިޔާވެފައިވާތީއާ އެދުވަހު ހިނގި އިންސާނިއްޔަތާ ހިލާފު ކަންކަމާއި އެމްއެންބީސީ ކައިރީގައި ހިނގި ހާދިސާތަކާއި އެމްޑީޕީގެ ހަރުގެ ތަޅައިލި މައްސަލަ ހިމެނޭ ކަމަށެވެ.

ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އިންކްއަރީ ކޮމިޝަނަށް އެއްވެސް މައުލޫމާތެއް ދީފައިވާނެތޯ ސުވާލު ކުރުމުން ބުނީ އެފަދަ މައުލޫމާތެއް ކޮމިޝަނުން ނުދޭ ކަމަށައި އިންކްއަރީ ކޮމިޝަނުން ވެސް އެފަދަ އެހީއަކަށް އެދިފައި ނުވާ ކަމަށެވެ.

މިހާރު އެމްޑީޕީން ފަށައިގެން އުޅޭ ސީދާ ކުއްލި ހަރަކާތުގެ މުޒާހަރާއެއްގެ ތެރޭގައި ހުންނަވަނިކޮށް ރައީސް މުހައްމަދު ނަޝީދުގެ ލޯފުޅަށް ޕެޕާ ސުޕްރޭ ޖެހި ކަމަށް ބުނާ މައްސަލައިގެ މައްޗަށް ވެސް އެޗްއާރްސީއެމުން މިއަދު ވާހަކަ ދެއްކި އެވެ. އަހުމަދު ވިދާޅުވީ ޝަކުވާއެއް ގޮތަށް އެ މައްސަލަ ހުށަހަޅާފައި ނުވިޔަސް އެކަން ބަލަމުން އަންނަ ކަމަށެވެ.

"މުޒާހަރާއެއް ރޫޅައިލަން ބޭނުން ކުރަންޖެހޭ ބާރު އެ އޮންނަ އުސޫލުން ބޭނުން ކުރުމުގައި ޕެޕާ ސުޕްރޭ ބޭނުން ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ވެސް ނޫން. އެކަމަކު ރައީސް ނަޝީދުގެ ލޯފުޅަށް ޕެޕާ ސުޕްރޭ ޖެހިނަމަ ޖަހާފައި ވަނީ ކިހިނެއްތޯ އެކަން ހިނގައި ދިޔަ ގޮތް އަޅުގަނޑުމެން މިދަނީ ފުޅާ ދާއިރާއެއްގައި ބަލަމުން،" އަހުމަދު ވިދާޅުވި އެވެ.