18 Jul 2012, 16:31
އަންނަ އޮގްސްޓް 31، ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރައީސްއާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީން ބުނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރުން ފަސްކުރީ “މިދުވަސްވަރު ޕާޓީގެ ވަރަށް ގިނަގުނަ މުހިންމު ކަންތައްތަކެއް ކުރިޔަށްދާތީ” ކަމަށެވެ. އަދި އެ ގޮތަށް ނިންމީ އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށްވެސް ބުންޏެވެ.
އެމްޑީޕީގެ ވެބްސައިޓުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި އެމްޑީޕީ ސެކްރެޓޭރިއަޓްގެ އިންތިޚާބުތަކާ ބެހޭ ފޯކަލް ޕޮއިންޓް އަހުމަދު އަކުރަމާއި ހަވާލާދީ ބުނެފައި ވަނީ އަންނަ މަހުގެ 31 ގައި ބާއްވާ އިންތިހާބުގައި ރައީސް އާއި ނައިބު ރައީސްގެ އިންތިހާބު ނުބޭއްވި ނަމަވެސް، އެ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ދާއިރާތަކުގެ ބައި އިލެކްޝަންތައް އޮންނާނޭ ކަމަށެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވާފައި ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. އަދި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު އެކަންޏެވެ. އެ ދެ ބޭފުޅުންގެ ވެސް ކެންޑިޑެންސީ ސައްހަ ކަމަށް އެމްޑީޕީން ވަނީ ކަނޑައަޅާފަ އެވެ.