ފުޓްބޯޅައިގެ އެެއްވެސް މައްސަލައެއް ކޯޓަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމްގެ އިންތިހާބު އޮބްޒާވް ކުރަން ވަޑައިގެންނެވި ފީފާގެ އޮފިޝަލް ޕްރިމޯ ކޮރްވަރޯ ވިދާޅުވެ އެވެ.

އޭނާ މިހެން ބުނީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުލާނެ މީހެއްގެ މައްސަލާގައި އެކުލަބުން ކޯޓަށް ދިއުމުން އިއްޔެ ކޯޓުން ނެރުނު އަމުރަށް އިޝާރާތްކޮށެވެ.

ކޯޓުގެ ހުކުމުގައި ބުނަނީ ވޯޓުލާން ޖެހޭނީ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުހައްމަދު (އައްމަޓީ) ކަމަށެވެ. ނަމަވެސް އެފްއޭއެމުގައި އެކުލަބުގެ ފަރާތުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ އެހެން ބޭފުޅެކެވެ. އިންތިހާބަށް މަސްދުވަސް ކުރިން ވޯޓުލާ މީހުންގެ ނަންތައް ރަޖިސްޓްރީ ކުރަން ޖެހޭއިރު ފީފާއިން މިއަދު ބުނީ ވަކި ޑެޑްލައިނެއް އޮތުމުން ބައެއް ފަހަރު މައްސަލަ ނުކުންނަ ކަމަށެވެ.

"ފީފާގެ ގަވާއިދުގެ 64ވަނަ މާއްދާއިވާނެ އެވާހަކަ. ކޯޓަކަށް ނުދެވޭނެ. މި މައްސަލަ ހައްލުކުރަން ޖެހޭނީ އެފްއޭއެމުން. ނުވަތަ އޭއެފްސީ ނުވަތަ ފީފާއިން،" ޕްރިމޯ ބުންޏެވެ.

ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް ޔުނައިޓެޑް ވިކްޓަރީން ގޮވާލަމުން އޭނާ އަދި ބުނީ މި މައްސަލަ އެފްއޭމުން ހައްލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އެތަނުން މައްސަލަ ހައްލުކުރަން ފުރުސަތުލިބޭނެ. އެމީހުންނަށް ހައްލުނުވެއްޖެނަމަ ފީފާއަށް މައްސަލާގެ ތެރެއަށް ވަންނަން ޖެހޭނެ،" ޕްރިމޯ ވިދާޅުވި އެވެ.