ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުށީގައި ހައްޔަރުކޮށް އޭނާގެ އިންސާނީ ކަރާމާތް ނަގާލައި ކަންތައްތަކެއް ކުރުވަން މަޖުބޫރުކޮށް ވަޒީފާއިން ވަކި ކުރުމަށާއި ރާއްޖޭން ބޭރަށް ފޮނުވާލަން ތަކުރާރުކޮށް މަސައްކަތްކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިން ރ. ހުޅުދުއްފާރު ބަހާރުގޭ އަބްދުﷲ މުހައްމަދު، ހައްޔަރު ކުރީ ޖެނުއަރީ 16، 2012 ވަނަ ދުވަހު އެވެ.

އޭނާ ހައްޔަރު ކުރި މައްސަލައިގައި ތަހުގީގު ރިޕޯޓާ ބެހޭ މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވީ އިސް ގާޒީ ގިރިފުށީގައި ބަންދުކޮށްފައި ބެއްޓި އިރު ޖިސްމާނީ އަނިޔާ ނުކުރި ނަމަވެސް އޭނާގެ އިންސާނީ ކަރާމާތް ނަގާލައި މަޖުބޫރުކޮށްގެން ކަންތައްތަކެއް ކުރުވަން މަސައްކަތްކޮށް މަގާމު ދުރު ކުރުމަށާއި ރާއްޖޭން ބޭރަށް ފޮނުވާލަން ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ.

"އަބްދުﷲ މުހައްމަދުގެ އިންސާނީ ކަރާމާތް ނަގާލައި މަޖުބޫރުކޮށްގެން އޭނާ ލައްވާ ކަންތަކެއް ކުރުވަން މަޖުބޫރު ކުރުވިކަން އަދި އޭނާ މަގާމު ދުރު ކުރުމަށާ ރާއްޖޭން ބޭރަށް ފޮނުވާލަން ތަކުރާރުކޮށް މަސަތްކަތް ކުރިކަން ތަހުގީގަށް ސާބިތުވި،" އަޒުރާ ވިދާޅުވި އެވެ.

އެކަމަނާގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ އިސް ގާޒީގެ މައްސަލަ މިހާރު ކޯޓްގައި އޮތުމުން ތަހުގީގަށް ފާހަގަ ކުރެވުނު އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތް ކަމަށެވެ.

"އެއްވެސް ކަމެއް ފޮރުވާފައެއް ނުވާނެ. ތަހުގީގަށް ފާހަގަ ކުރެވުނު ދެތިން ކަމެއް އުޅެނީ. މަޖުބޫރު ކުރުވައިގެން ބައެއް ކަންކަމަށް ޑިމާންޑް ކުރުން ފަދަ، ގިރިފުށީގައި ބަހައްޓައިގެން ކުރި، އެކަން ކަން އަޒުރާ ވެސް އެ ފާހަގަ ކުރެއްވީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސް ގާޒީގެ މައްސަލައިގެ ތަހުގީގު ކުރުމުން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާ އިންސާނީ ހައްގުތާކާބެހޭ ބައިނަލް އަގުވާމީ މުއަހާދާތަކުން ކަށަވަރުކޮށްދޭ މިނިވަން ކަމާއި އިންސާނީ ހައްގުތަކާ ހިލާފަށް ކަން ވެސް ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އަދި ވިދާޅުވީ ގިރިފުށީގައި އިސް ގާޒީ ހައްޔަރުކޮށްގެން ގެންގުޅުމާ ގާނޫނު އަސާސީން އޭނާއަށް ލިބިދޭ އެންމެހާ ހައްގުތަކުން މަހުރޫމްކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ސާބިތުވާ ކަމަށާއި އެކަން ކަން ކުރި ފަރާތްތައް ކަމަށް ސާބިތުވި މީހުން މި މައްސަލައިގައި ޒިންމާވާން ޖެހޭނެ ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އެހެންވެ އެފަރާތްތަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ. އަދި މީގެ އިތުރުން މި މައްސަލައިގައި ޣައިރު ގާނޫނީ އަމުރުތައް ކުރި ފަރާތްތަކާއި އެ އަމުރުތަކަށް ތަބާވި ފަރާތްތައް ވެސް އެކިމިންވަރަށް ޒިންމާވާންޖެހޭ ކަން ތަހުގީގަށް ސާބިތުވާތީ އެފަރާތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް ކަމާބެޙޭ މުއައްސަސާތަކާއި ކޮމިޝަންތަކުގައި އެދިފައިވާނެ،" އަޒުރާ ވިދާޅުވި އެވެ.

އެއީ ކޮން ފަރާތްތަކެއް ކަމެއް ވެސް ކިތައް މީހުން ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

އަޒުރާ ވިދާޅުވީ ފުރިހަމަ ރިޕޯޓްން އާންމު ކުރުމަށް ބޭނުންވާ މިންވަރު ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށާއި ނަމަވެސް އެ މައްސަލައިގައި ޒިންމާންވާނެޖެހޭ ފަރާތްތަކާއި ގުޅުން ހުރި ފަރާތްކަށް ވެސް ރިޕޯޓްގެ ކޮޕީ ފޮނުވާފައިވާނެ ކަމަށެވެ. އަދި އެކަމާ ބެޙޭ ޝަރީއަތް ކޯޓްގައި އޮއްވާ އެކަމަށް އަސަރެއް ކޮށްފާނެ ކަމަށްވާތީ މިވަގުތު ފުރިހަމަ ރިޕޯޓް ހާމަ ކުރަން ކޮމިޝަނަށް ނުފެންނަ ކަމަށެވެ.

ރިޕޯޓް އެކުލަވައިލާ ރިކޮމެންޑޭޝަން ހުށަހެޅި ފަރާތްތަކަށް އެކަންކަން ހުށަހެޅި އިރު އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެއްވެސް ފަރާތެއްގައި އެދިފައި ނުވާނެ ކަމަށާއި ހަމައެކަނި ހުށަހަޅާފައިވާނީ ރެކޮމެންޑޭޝަންތަކެއް ކަމަށް ވެސް އެކަމާ ވިދާޅުވި އެވެ.

އިސް ގާޒީގެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގުތަކަށްފަހު މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ނިންމަވާފައިވަނީ ކުރީގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ، މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސްފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އިސް ގާޒީގެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ފުލުހުންގެ ތަހުގީގާއި އެ މައްސަލައިގައި އެޗްއާރްސީއެމުން ކުރި ތަހުގީގު ރިޕޯޓް ޕީޖީ ބައްލަވައި ދިރާސާ ކުރެއްވުމަށްފަހު އެވެ.

މި މައްސަލަ ހުޅުމާލޭ ކޯޓަށް ވެއްދުމާއެކު މައްސަލައިގައި ދައުވާ ލިބޭ ބޭފުޅުންގެ ތެރެއިން ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ މަގާމުން އިސްތިއފާ ދެއްވަން ހުށަހަޅުއްވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ވަޑައިގެން ސާބިތު ކަންމަތީގައި ދައުވާއަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަނީ އެ މައްސަލަ އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.

އިސް ގާޒީގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާއިރު އޭނާ ހައްޔަރުކޮށްފައި ހުންނަވަނިކޮށް ރާއްޖޭގެ އިސް ވަކީލުންތަކެއް ވަނީ އެ މައްސަލަ ބައިނަލް އަގުވާމީ ޖިނާއީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އަދި އިސް ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އޭރު ސުޕްރީމް ކޯޓުން ބުނެފައިވާއިރު އޭނާގެ މައްސަލައިގައި ސިފައިން ހާޒިރުވާން ކޯޓްތަކުން ކުރި އަމުރުތަކަށް ސިފައިން ވަނީ އޭރު ތަބާ ނުވެފައެވެ.

އިސް ގާޒީ މިނިވަންކޮށް ގިރިފުށިން މާލެ ގެނެސްފައި ވަނީ ނަޝީދުގެ ވެރިކަން ބަދަލުވި ފެބުރުއަރީ 7 ގަ އެވެ. އޭގެ ފަހުން އިސް ގާޒީ ވަނީ ޗުއްޓީއެއް ނެންގެވުމަށްފަހު އަލުން ކޯޓަށް ނުކުމެ ވަޑައިގެންފަ އެވެ.