މިއަދު ބާއްވަން އުޅުނު އެފްއޭއެމް އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވި އިލްހާމް އަހުމަދާއި އޭނާ އަށް ސަޕޯޓްކުރާ މީހުންގެ ފުށުން ފެނުނީ ގަބޫލުކުރެވޭނެ އަމަލުތަކެއް ނޫން ކަމަށް ފީފާއިން ބުނެފި އެވެ.

އިންތިހާބު އޮވްޒާވްކުރައްވަން ތިއްބެވި ފީފާ އާއި އޭއެފްސީގެ ދެ ބޭފުޅުންގެ ފަރާތުން ވާހަކަ ދައްކަވަމުން ފީފާގެ އޮފިޝަލް ޕްރިމޯ ކޮރްވަރޯ ވިދާޅުވީ 2008ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވުމުން ރާއްޖެއާ މެދު އުއްމީދުތަކެއް ކުރެވުނު ކަމަށެވެ.

"ޑިމޮކްރަސީ އައުމުން އެންމެން ވެސް އުފާވާނެ. އަހަރެން ވެސް ތިބޭފުޅުން ވެސް. އެކަމަކު މިއަދު ފެނިގެންމިދިޔައީ ގަބޫލުކުރެވޭނެ ކަމެއްނޫން. އެއްބަސްނުވެވޭ ކަންތައްތައްވެސް ހުންނާނެ. އަދި ހިޔާލުފާޅުކުރަންޖެހޭ ކަންތައްވެސް ހުންނާނެ. އެކަމަކު ކޮށްޕާ، ހަޅޭއްލަވާ، ވޯޓުފޮށިއެއްލާ ހެދުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން. ކަލޭމެންނަށް ހީވޭތަ ކޮއްޕާ ހަޅޭއްލަވާ ހެދުމަކީ ޑިމޮކްރަސީހެން. ނޫން. އެއީ ޑިމޮކްރަސީއެއްނޫން. ފުޓްބޯޅަ އާއިލާ އަކީ އެއް އާއިލާ އެއް. އިހްތިރާމް ކުރަންވާނެ. އެއީ އެންމެ މުހިންމުކަންތައް" ޕްރިމޯ ވިދާޅުވި އެވެ. "މިއީތޯ ތިޔަބޭފުޅުން ބްރޯޑްކާސްޓް ކުރަން ބޭނުންވާ މަންޒަރަކީ. ނުލާހިކު ބޮޑެތި ކެމެރާތައް މިގައި އެހުރީ.

އޭނާ އަދި ވިދާޅުވީ މިފަދަ ގޮތަކަށް އަަމަލުތައް ބަަހައްޓައިގެން އެސޯސިއޭޝަންތަކާ ހަވާލުވެ ފީފާއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. މިއަދު ހަޅޭއްލަވާ ހެދި މީހުން އޭނާ ސިފަކުރެއްވީ ކުޑަކުދިންގެ ގޮތުގަ އެވެ.
"ކުޑަކުދިންނަށްނޫން ފީފާއާ ގުޅިގެން މަސައްކަތްކުރަން ފުރުސަތުލިބެންވީ. ބޮޑެތި މީހުންނަށް. މިއަދު ފެނުނު ކަންތައްތައް ކުރާނީ ކުޑަކުދިން. އަހަރެން ވަރަށް ދަރަވެއްޖެ،" ޕްރިމޯ ވިދާޅުވި އެވެ.

އިންތިހާބީ ހޯލުގައި މައްސަލަ ގޯސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލާގަ އެވެ. އިލްހާމްގެ ޓީމުން ބުނަމުންދިޔައީ ޔުނައިޓެޑް ވިކްޓަރީގެ ފަރާތުން ވޯޓުލެވޭނީ ކޯޓުން އިއްޔެ ނެރުނު ހުކުމާ އެއްގޮތަށް ކަމަށެވެ. އެ ހުކުމުގައި ބުނަނީ ވޯޓުލާން ޖެހޭނީ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުހައްމަދު (އައްމަޓީ) ކަމަށެވެ. ނަމަވެސް އެފްއޭއެމުގައި އެކުލަބުގެ ފަރާތުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ އެހެން ބޭފުޅެކެވެ. އިންތިހާބަށް މަސްދުވަސް ކުރިން ވޯޓުލާ މީހުންގެ ނަންތައް ރަޖިސްޓްރީ ކުރަން ޖެހޭއިރު ފީފާއިން މިއަދު ބުނީ ފުޓްބޯޅައިގެ އެއްވެސް މައްސަލަ ކޯޓަށް ނުގެންދެވޭނެ ކަމަށާއި މިކަން ނިންމަން ޖެހޭނީ އެފްއޭއެމުން ކަމަށެވެ. އެތަނުން ނުނިމިއްޖެނަމަ އޭއެފްސީ ނުވަތަ ފީފާއިން ކަމަށެވެ.