މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން ބާއްވާ "ޒުވާނުންގެ ބަދިގެ" ކައްކާ ޕްރޮގްރާމް މިއަހަރުގެ ރޯދަ މަހު ވެސް ބާއްވަން ނިންމައިފައިވާކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީއިން ބުނީ އެ ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް މި ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި ދާއިރާގެ އިލްމީ، ތަޖުރިބާކާރު ބޭފުޅުންގެ ފަންނީ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ހިއްސާކުރުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެގޮތުން 16 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ ކޮންމެ މީހަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއަދު 13:00ގެ ކުރިން މި ޕްރޮގުރާމުގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް އެކަމަށް ހާއްސަކޮށްފައިވާ ލިންކުhttps://forms.gle/vHRRtSGmRuP3PBx46މެދުވެރިކޮށް ޕްރޮގުރާމުގައި ރަޖިސްޓްރީ ވެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެެވެ.

މިނިސްޓްރީއިން ބުނީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ކަމަށެވެ.

ހަތަރު އެޕިސޯޑަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހަތަރު ވައްތަރެއްގެ ކެއުން ތައްޔާރުކުރެވޭނެއެވެ. އެގޮތުން މި އެޕިސޯޑުތައް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ:

  • އެޕިސޯޑު 1 : 14 މާޗް 2025

  • އެޕިސޯޑު 2 : 21 މާޗް 2025
  • އެޕިސޯޑު 3 : 28 މާޗް 2025
  • އެޕިސޯޑު 4 : 31 މާޗް 2025

މިނިސްޓްރީއިން ބުނީ އެ ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ ދިވެހި ޗެނަލުން ކަމަށެވެ. އަދި ޕްރޮގްރާމް ކުރިޔަށްގެންދާނީ ތަޖުރިބާކާރު ޒުވާން ޝެފެއް ކަމަށްވާ މުމީތާއެކުކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.