18 Jul 2012, 15:12
މިއަދު ބާއްވަން އުޅުނު އެފްއޭއެމް އިންތިހާބު މުއްދަތެއްނެތި ފަސްކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ފީފާއިން ބުނެފި އެވެ.
އިންތިހާބު އޮބްޒާވްކުރަން ވަޑައިގެން ހުންނެވި ފީފާގެ އޮފިޝަލް ވިދާޅުވީ ޕްރިމޯ ކޮރްވަރޯ ވިދާޅުވީ އެފްއޭއެމުގެ ތެރެއިން މި މައްސަލަ ހައްލު ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލަޖެހުނު ޔުނައިޓެޑް ވިކްޓަރީ އަށް ވޯޓުނުދެވޭ ގޮތަށް ނިންމައިފިނަމަ އިންތިހާބަށް ނުފޫޒު ފޯރާނެ ކަމަށެވެ.
"މިސާލަކަށް 60 ވަރަކަށް ކުލަބު އޮތްނަމަ ރަނގަޅު ކުލަބެއް ޑިސްކޮލިފައިކުރަން މިކަހަލަ މައްސަލައެއް ކުރިމަތިވީމަ. އެކަމަކު ރާއްޖެއަކީ ކުޑަތަނެއް. ވޯޓުމިލަނީ އެންމެ 13 ކުލަބު. މިހެންވެ އެއްވެސް ކުލަބަކަށް ވޯޓުނުލެވޭ ގޮތް ހެދުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން. ދެން ބައެއް ފަހަރު ރަޖިސްޓްރޭޝަނަށް ވަކި މުއްދަތެއްގެ އޮތުމުން މައްސަލަ ޖެހޭ،" ޕްރިމޯ ވިދާޅުވި އެވެ.
ޔުނައިޓެޑް ވިކްޓަރީން ވޯޓުލާނެ މީހަކާމެދު އުފެދުނު ހިޔާލުތަފާތުވުމުގައި އިންތިހާބީ ހޯލުގެ މަސްލަހަތު ގެއްލުމުން އެފްއޭއެމް އިންތިހާބު ފަސްކުރީ މުއްދަތެއްނެތި އެވެ.