24 Aug 2010, 06:03
11:03
ޤާނޫނުގައި ބުނެފައިވާ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށް ކަނޑައަޅުއްވައި، އަދިވެސް ރައީސުލްޖުމްހޫރިއްޔާ ގެޒެޓުކުރައްވާފައި ނުވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ހުރަސްއެޅިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާޒު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު މިހެން ވިދާޅުވީ، ވޯޓަރސް އެޑިއުކޭޝަން ޕްރޮގްރާމްގެ ދަށުން ސަންއެފްއެމުން ރޭ ގެނެސްދިން "ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2010" މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ފުއާދު ވިދާޅުވީ، އިންތިހާބު ބާއްވާ ރަށްތައް ކަނޑައެޅޭނީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާންކޮށް، ރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއް ނުވަތަ ސަރަހައްދެއްގެ ގޮތުގައި އެ ރަށްތައް ގެޒެޓު ކުރެވުމުން ކަމަށެވެ. ނަމަވެސް، އަދިވެސް ރައީސުލްޖުމްހޫރިއްޔާ އެރަށްތައް ކަނޑައަޅުއްވާފައިނުވާ ކަމަށާއި އެއީ އިންތިހާބަށް އޮތް ބޮޑު ހުރަހެއްކަމަށް ފުއާދު ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ، އިންތިހާބާ ގުޅޭ އިތުރު މަސައްކަތްތައް ކުރިއަށް ގެންދެވެން އޮތީ ވެސް އެ ރަށްތައް ކަނޑައެޅި ނިމުމުން ކަމަށެވެ. އަދި އިންތިހާބު ބާއްވާނެ ތާރީޚެއް އެނގިވަޑައިގަންނަވާނީ ވެސް އެ ރަށްތައް ގެޒެޓްކޮށް ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންތިހާބު ބާއްވާން މި ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ގެޒެއްޓުކުރައްވާ ރަށްތަކުގައި. އަދިވެސް ރަށްތައް ކަނޑައެޅިފައެއް ނުވޭ. އެހެންވެ، އިންތިހާބު ބޭއްވޭނެ ތާރީޚެއް އަދިވެސް ބުނާކަށް ނޭނގޭ"
ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ދެއްވި ރޭޑިއޯ ޚިތާބުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނު ޚާއްޞަކޮށް ބައިވެރިވެވަޑައިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމުގެ މަސައްކަތް މި ދުވަސްކޮޅު ކުރައްވަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްގެންދަވާނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމުގައި، ސަރުކާރުން ގެންގުޅޭ ވިސްނުމަކީ، އާބާދީ ކުޑަ ރަށްރަށަށް އިތުރު ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ގާތުގައި އޮންނަ ރަށަކާ ގުޅިގެން ހިންގޭ ރަށެއްގެ ގޮތުގައި ކަނޑައެޅުމެވެ.