18 Jul 2012, 15:12
މިއަދު ބާއްވަން ނިންމި އެފްއޭއެމްގެ ފަސް ވަނަ ކޮންގްރެސްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ފުޓްބޯޅަ އެސޯސިއޭޝަނާއި ދެކޮޅަށް ފީފާ އިން ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާގެ މިހާރުގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް މިއަދު ޒުވާނުންގެ މަރުކަޒުގެ ސެމިނާރޫމްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އިންތިހުބު ފަސްކުރުމަށް ފަހު، މީޑިއާ އާއި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ، އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ގިނަ އަމަލުތަކެއް ބައެއް ކުލަބު ތަކުގެ މަންދޫބުންގެ ފަރާތުން ފެނުނު ކަމަށާއި އެކަން ކަމަކީ ގަބޫލް ކުރޭވޭ ވަރުގެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި މިކަމަކީ ފުޓްބޯޅަ އާއިލާގެ ތެރެއިން ފެންނަން ބޭނުންވާ ކަމެއް ނޫންކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"މިކަންކަން ހިނގައި މިދިޔައީ ފީފާއާއި އޭއެފްސީގެ މަންދޫބުންގެ ކުރިމަތީގައި. އެހެން ކަމުން ރާއްޖެއަށް ސަސްޕެންޝަނެއް ކުރިމަތި ވުމަކީ ވަރަށް ގާތް ކަމެއް. އެކްލަބްތަކާ ދެކޮޅަށް ފިޔަވަޅު ނާޅައިފި ނަމަ އެކަމުގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ފީފާއިން ފިޔަވަޅު އަޅާނެ. އެހެންކަމުން ވަރަށް އަވަހަށް އެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވާނެ." ނިއުރޭޑިއަންޓުގެ ޓިކެޓުގައި ވަދަކުރުމަށް ނިންމަވާފައިވާ، މިހާރުގެ ރައީސް އާޒިމް ވިދާޅުވި އެވެ.
މިއަދުގެ ކޮންގްރެސް ފަސްކުރަން ޖެހުނީ މިދިޔަ އަދީއްތަ ދުވަހު ސިވިލްކޯޓުން ކޯޓުން ނެރުނު އަމުރާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީ އަށް އިންތިހާބުގައި ވޯޓް ލެވޭނެތޯ ނުވަތަ ނޫންތޯ ކެންޑިޑޭޓުންގެ މެދުގައި ސުވާލުތައް އުފެދި، މަސްރަހް ހޫނުވުމުގެ ސަބަބުންނެވެ އަދި މިއަދުގެ ކޮންގްރެސްގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ، ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސާއި ނައިބް ރައީސް އަދި އެގްޒެކެޓިވް ކޮމެޓީއަށް މެމްބަރުން އިންތިހާބުކުރުމުގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ބަޖެޓް ފާސްކުރުމެވެ.