އެމްޑީޕީގެ މުޒާހަރާގެ ތެރޭގައި ހަރަކާތްތެރިވެވަޑައިގެންނަވަމުން ދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯފުޅަށް ޕެޕާސްޕޭ ޖެހި މައްސަލައާ މެދު އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އދ. އިން ހިއުމަން ރައިޓްސް ކޮމިޝަނުން އިއްޔެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި އެއޮފީހުގެ ސްޕޯކްސްޕާސަން ރުފާޓް ކޮލްވިލް ވިދާޅުވެފައި ވަނީ ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ފާއިތުވި ހަފްތާ ބަންދުގައި މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާތައް ރޫޅާލުމުގައި ސަލާމަތީ ބާރުތަކުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފަދަ މަންޒަރުތައް މުޒާހަރާގެ ވީޑިއޯތަކުން ވެސް ފެންނަ ކަމަށާއި މުޒާހަރާތެރޭގައި ރައީސް ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނުގެ ލޯފުޅަށް ޕެޕާސްޕްރޭ ޖަހާފައި ވަނީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުންގެ ވެހިކަލެއް ބާރު ސްޕީޑްގައި ދުއްވާފައިވާ ދިޔަ ކަމަށް ވިދާޅުވެ އެކަމާ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިފަދަ އަމަލްތައް ހުއްޓުވުމަށްޓަކައި އެފަދަ އަމަލްތައް ހިންގާ ފަރާތްތަކުގެ އަވަސް ތަހުގީގެއް ކުރެވި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ކަމާ ބަހޭ މުއައްސަސާތަކުން ކުރުން މުހިންމު ކަމެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ރާއްޖޭގައި މިހާރު ހިނގާ ހަމަނުޖެހުންތައް ހުއްޓާލައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. މީގެއިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާ ކުރިއަށް ގެންދަންވާނީ ރާއްޖޭގެ ގާނޫނު އަސާސީންނާއި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާއިން ދައުވާ ލިބޭ ފަރާތްތައް ލިބޭ ހައްގުތަކަށް ނުގެއްލޭފަދަ ގޮތަކަށް ކަމަށާއި އެޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންދަންވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގެ ގޮތުގައި ކަމަށްވެސް ރުފާޓް ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ ލޯފުޅަށް ޕެޕާސްޕްރޭ ޖެހި މައްސަލައާ އދ. އިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ފުލުހުން ބުނެފައި ވަނީ ރައީސް ނަޝީދުގެ ގެ ލޯފުޅަށް ސީދާ އަމާޒުކޮށް ޕެޕާސްޕްރޭ ނުޖަހާ ކަމަށެވެ. ނަމަވެސް ފުލުހުން ބަހައްޓާފައިވާ ބެރިކޭޑުން އެތެރެއަށް ވަނުމަށް މަސައްކަތްކުރި މީހުން ކޮންޓްރޯލް ކުރުމަށް ޕެޕާސްޕްރޭ ފުލުހުން ބޭނުން ކުރި ކަމަށެވެ. އެމައްސަލަ މިހާރު އެޗްއާރުސީއެމުން ވެސް ގެންދަނީ ތަހުގީގުކުރަމުންނެވެ.

ގާނޫނާއި ހިލާފަށް އަބްދުﷲ ގާޒީ ހިފައި ހައްޔަރުކޮށްގެން ގެންގޮސް ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ އިތުރުން ސިފައިންގެ ތިން އޮފިސަރެއްގެ މައްޗަށް ދައުވާ ކުރުމަށް ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާލައިފަ އެވެ. އެމައްސަލަ އެކޯޓުން އަނބުރާ ފޮނުވާލީ އެމައްސަލައަކީ އެކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ނުފެންނާތީ ކަމަށް ބުނެ އެވެ.