ބާޒާރުމަތީގައި މިރުސް ތިޔާގިވެފައިވާ މި ދަނޑިވަޅުގައި، ނަން މަޝްހޫރު ކަނޑޫދޫ މިރުހުގެ އަގު އަދިވެސް ދަށްވަމުން އަންނަކަމަށް ވިޔަފާރިވެރީން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ބާޒާރުގައި ކަނޑޫދޫ މިރުސް ވިއްކަން ހުރީ ބޮޑު މިރުސް ކިލޯއެއް 250 ރުފިޔާއަށް އަދި ކުދި މިރުސް ކިލޯއެއް 200 ރުފިޔާއަށެވެ. ނަމަވެސް ހޮނިހުރު ދުވަހު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އުޅުނީ ބޮޑެތި މިރުސް ކިލޯއެއް 180 ރުފިޔާއަށް އަދި ކުދި މިރުސް 120އާއި 130 ރުފިޔާއަށެވެ.

މިއަދު 'ސަން'އަށް މައުލޫމާތު ދެމުން މާރުކޭޓުގައި މިރުސް ވިއްކަން އިން މުޙައްމަދު އާރިފް ބުނީ މިހާރު ބާޒާރުގައި ކަނޑޫދޫ މިރުސް އުޅެނީ ފެހި މިރުސް ކިލޯއެއް 140 ރުފިޔާއަށް ކަމަށެވެ. އަދި ރަތް މިރުސް ކިލޯއެއް އުޅެނީ 90 ރުފިޔާއަށް ކަމަށެވެ.

ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ދަނީ ދަށަށް -- ފޮޓޯ/ މުޙައްމަދު އާރިފް

"މިރުސް ވަރަށް ނުވިކޭ މިހާރު. އެހެންވެ އަސްލު އަގު ދަށްވަނީ. ޕްލަސް މިރުސް މިހާރު ވަރަށް ލިބޭ. ކޮންމެ ދުވަހަކު މިރުސް ލިބޭ ބާޒާރަށް." އާރިފް ބުންޏެވެ.

އޭނާ ބުނީ ބާޒާރުގައި މިދުވަސްވަރު އެންމެ ތިޔާގިކޮށް އުޅެނީ މިރުހާއި ކަރާ ކަމަށެވެ. ކަރަލުގެ އަގަށް ބަދަލެށް ނާންނައިރު ބާޒާރުގައި މިހާރު ރަތް ކަރާ ކިލޯއެއްގެ އަގު އުޅެނީ 25 ރުފިޔާއަށެވެ. އަދި އަލަނާސި ކަރާ (ރީނދޫ ކަރާ)ގެ އަގު އުޅެނީ ކިލޯއެއް 28 ރުފިޔާއަށް ކަމަށް އާރިފް ބުންޏެވެ.

ބާޒާރުގައި ކަރަލުގެ އަގު ހުރީ އަދިވެސް ހިފެހެއްޓިފައި -- ފޮޓޯ/ މުޙައްމަދު އާރިފް

ބާޒާރުގައި ވިއްކަން ހުރި އެހެން ބައެއް ބާވަތްތަކަށް ބަލާއިރު:

  • ފަޅޯ: 50 ރުފިޔާ

  • ފާގަ: 45 ރުފިޔާ
  • ލުނބޯ: 40، 45 ރުފިޔާ
  • ފެހި ބަރަބޯ: 30 ރުފިޔާ
  • ބާޓާނާ ބަރަބޯ: 40 ރުފިޔާ
  • ކިޔުކަމްބާ: 60، 65 ރުފިޔާ
  • ލެޓިއުސް ބޮނޑިއެއް: 50 ރުފިޔާ
  • ކޮޕީ ފަތް: 10، 15 ރުފިޔާ
  • ހިކަނދިފަތް: 10، 15 ރުފިޔާ

މި ތަކެތީގެ އިތުރުން ފަނިގިރުމަށް ބޭނުންކުރާ ކުރުނބާގެ އަގު ބާޒާތުގައި އުޅެނީ 40 ރުފިޔާއާއި 45 ރުފިޔާ އަދި 50 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ފެޝަންފުރުޓު އުޅެނީ ކިލޯއެއް 130 ރުފިޔާއަށެވެ.