18 Jul 2012, 14:54
ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިޒާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް މަގާމުން ދުރުކުރުމަށް 23 ޑިސެންބަރު އިންތިހާދުން މަޝްވަރާ ކުރަން ފަށައިފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ ޕީޖީ މުއިޒް އާއި ޝަހިންދާ މަގާމުގެ މައްސޫލިއްޔަތު އަދާކުރަމުންދާ ގޮތާ މެދު އިންތިހާދަށް ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ދެ ބޭފުޅުން މަގާމުން ދުރުކުރުވަން ޖެހޭ ފަދަ ހެކިތަކެއް އިންތިހާދަށް "މިހާރު" ލިބިފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އޭގެ ތެރޭގައި ބައެއް ކަންތައްތަކަކީ މީޑިއާއަށް އާންމު ކުރަން ނުޖެހޭ "ސިއްރު" ކަންތައްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުން މުއިޒް ދުރުކުރުވަންޖެހޭ ސަބަބެއް ކަމަށް އަބްދުﷲ ވިދާޅުވީ ޕީޖީގެ ފަރުވާކުޑަކަމުން ޕްރޮސެކިއުޓް ކުރަން ޖެހޭ މައްސަލަތަކުގައި ޕްރޮސެކިއުޓް ނުކުރައްވާ ކަމަށެވެ. އަދި އެއް މައްސަލައެއްގައި ތަފާތުތައް ގެންގުޅުންވާ ކަމަށް ވެސް އަބްދުﷲ ތުހުމަތު ކުރެއްވެވި އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުކަމުން ޝަހިންދާ ވަކިކުރައްވަން ޖެހޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްއަކަށް ހުންނަވައިގެން ޝަހިންދާ މަސައްކަތްޕުޅު ކުރައްވަނީ ވަކިފަރާތަކަށް ޖެހިގެން ކަމަށް އިންތިހާދަށް ގަބޫލު ކުރެވޭ ކަމަށެވެ. އެގޮތުން ދޮގު ތުހުމަތުތަކެއްކޮށް، ފުލުހުން ރާ ބޯކަމަށް ބުނެ، ފުލުހުންގެ އަގުވައްޓާލުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އެމްޑީޕީން ހުށަހަޅުއްވާ މައްސަލަތައް ބައްލުމަށް ފުލުހުން "ޓެސްޓު" ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ އަސްލެއް ނެތް މައްސަލަތަކަށް އިސްކަންދީގެން މަސައްކަތްޕުޅު ކުރައްވާތީ އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
މުއިޒްއާއި ޝަހިންދާ މަގާމުން ދުރުކުރުވުމަށް އިންތިހާދުގައި ހިމެނޭ ޕާޓީތަކުގެ 20 މެންބަރުންގެ ސްޓިއަރިން ކޮމެޓީން މަޝްވަރާތައް ފަށައި، އަންނަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށްޓަކައި ކުރައްވަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ބުނެފައި ވަނީ ޕީޖީގެ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރި ކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް، ނުވަތަ އެ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް ފެނިއްޖެ ހިނދެއްގައި ޕީޖީ މަގާމުން ވަކިކުރެވޭނެ އެވެ. އެ މައްދާގެ (ށ)ގައި ބުނެފައި ވަނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް މަޖިލީހުގެ ކޮމެޓީއަށް ފެނިއްޖެ ހިނދެއްގައި މަޖިލީހުގެ ތަޅުމަށް އެ މައްސަލައެއް ހުށަހަޅައި ވޯޓްގައި ބައިވެރި މެންބަރުން އަގުލަބިއްޔަތުން ފާސްވެއްޖެނަމަ ޕީޖީ މަގާމުން ވަކިވީ އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރައްވަން ޖެހޭ ސަބަބެއް ކަމަށް ފުލުހުންގެ ގާނޫނުގެ 32 މާއްދާގެ (ހ)ގައި ބުނަނީ ޝަރުއީ ހުކުމަކުން އިފްލާސްކުރުމާއި ކޮމިޝަންގެ މެންބަރުގެ ކިބައިގައި ހުރުމަށް ގާނޫނުގައި ލާޒިމްކުރާ ސިފައެއް އުނިވެއްޖެ ނަމަ އޭނާ މަގާމުން ވަކިކުރެވިދާނެ ކަމަށެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަވެސް މަގާމުން ވަކިކުރެވިދާނެ އެވެ.
މުއީޒު ވިދާޅުވީ އެ މައްސަލާގައި ޖަވާބުދާރީ ވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެކަމުގައި ފަސް ނުޖެހޭނެ ކަމަށެވެ. ޝަހިންދާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.