09 Mar 2025, 10:37
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އަދި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ:
ހދ. ކުޅުދުއްފުށި، ދުނބުމާ، އުމުރުން 37 އަހަރުގެ، އަޙްމަދު ޟަމީރު
- ހދ. ކުޅުދުއްފުށި، ހުވަފެނީއައްސޭރި، 31 އަހަރުގެ، އަޙްމަދު އިސްމާޢީލް
މިދިޔަ ހަފުތާގެ ބުދަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިލަންދޫ ބަނދަރު މަތިން އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 146 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ބުދަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަދި އެ އުޅަނދުން 30 ކިލޯގެ ހަޝިޝް އޮއިލް ވަނީ ފެނިފައެވެ.
އިންޑިއާގެ ނޫސްތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ ލުއި ކާނާ ބަންދުކުރާ ޕެކެޓުތަކެއްގައެވެ.