މިއަދު ބާއްވަން ނިންމި އެފްއޭއެމްގެ ފަސް ވަނަ ކޮންގްރެސް ވަކި މުއްދަތެއް ނެތި ފަސްކުރުމުން ހާމަވެގެން ދިޔައީ މިހާރުގެ ރައީސް އަލީ އާޒިމް އިންތިހާބުން ޔަގީންކަމާ އެކު ބަލިވެއްޖެ ކަމަށް، އާޒިމާއެކު ރައީސްގެ މަގާމަށް ކުރިމަތި ލެއްވި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަން މީޑިއާ ގްރޫޕްގެ ސަން އޮންލައިނާ ވާހަކަ ދައްކަމުން، އިލްހާމް ބުނީ، އިންތިހާބް ބާއްވަން އާޒިމް ނިންމަވާފައި އޮތީ ޤަވާއިދާ ހިލާފަށް ކަމަށާއި އެކަން އޭނާއަށް މިއަދު ކާމިޔާބު ނުކުރެވުނު ކަމަށެވެ.

"އިންތިހާބު ނުބޭއްވި ފަސް ކުރަން ޖެހުމުން ޔަގީންވީ، އިންތިހާބުން އާޒިމް ބަލިވިކަމަށް. އާޒިމް ބޭނުން ވާގޮތައް މިހާރަކު ކަންކަމެއް ނުކުރެވޭނެ. އިތިހާބަށް ފުރަތަމަ ނުފޫޒް ވެސް ފޯރުވީ އާޒިމް. ގަވާއިދާ ހިލާފް ކަންކަން ފުރަތަމަ ކުރީވެސް އާޒިމް،" ވީބީ އައްޑޫ އެފްސީގެ ޓިކެޓުގައި އާޒިމާ ދެކޮޅަށް ރައީސްގެ މަގާމަށް ކުރިމަތި ލެއްވި އިލްހާމް ވިދާޅުވި އެވެ.

މިއަދުގެ ކޮންގްރެސް ފަސްކުރަން ޖެހުނީ މިދިޔަ އަދީއްތަ ދުވަހު ސިވިލްކޯޓުން ކޯޓުން ނެރުނު އަމުރާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީ އަށް އިންތިހާބުގައި ވޯޓް ލެވޭނެތޯ ނުވަތަ ނޫންތޯ ކެންޑިޑޭޓުންގެ މެދުގައި ސުވާލުތައް އުފެދި، މަސްރަހް ހޫނުވުމުގެ ސަބަބުންނެވެ އަދި އިންތިހާބު ބާއްވާ މުއްދަތެއް ނެތި ފަސްކުރި އިރު، އިންތިހާބް އޮބްޒާވް ކުރުމަށް ފީފާއާ އޭއެފްސީގެ އޮފިޝަލުން ވެސް މިއަދުގެ ޒުވާނުންގެ މަރުކަރުގައި ތިއްބެވި އެވެ.


މިއަދުގެ ކޮންގްރެސްގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ، ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސާއި ނައިބް ރައީސް އަދި އެގްޒެކެޓިވް ކޮމެޓީއަށް މެމްބަރުން އިންތިހާބުކުރުމުގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ބަޖެޓް ފާސްކުރުމެވެ.