ޖަރުމަނު ބުންޑެސްލީގާއަށް މިފަހަރު އެންމެ ބޮޑަށް ވާދަކުރާ ދެ ޓީމު ކަމުގައިވާ ބަޔާން މިޔުނިކާއި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެންވެސް މި ހަފުތާގައި ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

ތާވަލްގެ އެއް ވަނައިގައި އުޅޭ ބަޔާން ބަލިވެފައިވަނީ އަމިއްލަ ދަނޑުގައި ވީއެފްއެލް ބޯކަމް އާ ބައްދަލުކުރި މެޗުން ތިން ލަނޑު ދެ ލަނޑުންނެވެ.

ބަޔާންއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މި މެޗުގެ ފެށުން ރަނގަޅުވީ ވެސް ބަޔާންގެއެވެ. މި ގޮތުން މި މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ބަޔާން އިންނެވެ.

މި ދެ ލަނޑު މެޗުގެ 18 ވަނަ މިނެޓާއި 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަފައެލް ގުއެރެއިރޯއެވެ. މި މެޗުގައި ބޯކަމްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 31 ވަނަ މިނެޓުގައި ޔަކޯވް މެޑިޗްއެވެ. އަދި ބަޔާންއަށް މި މެޗުގައި އިތުރަށް މައްސަލަ ތަކާއި ކުރިމަތިވެގެންދިޔައީ މެޗުގެ 42 ވަނަ މިނެޓުގައި ޖާއޯ ޕައުލީނިއާއަށް ރަތް ކާޑު ދެއްކުމާއެކުއެވެ. މި ގޮތުން މެޗުގެ ބާކީ ބައި ބަޔާންއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މި މެޗުގައި ބޯކަމްއިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 51 ވަނަ މިނެޓުގައި އިބްރާހިމާ ސިސޯކޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މި މެޗުން ބޯކަމް މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި މަޓުސް ބެރޯއެވެ.

މި ކާމިޔާބީއާއެކު ބޯކަމް މިހާރު އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. އަދި ބަޔާން އުޅެނީ 61 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.

ބަޔާން ބަލިވުމުގެ ފައިދާ އެ ޓީމާ އެންމެ ގާތުން ލީގަށް ވާދަކުރަމުންދާ ލެވަކޫސެންއަށް ވެސް ނެގޭގޮތެއް ނުވިއެވެ. މި ގޮތުން ލެވަކޫސެން ވަނީ އަމިއްލަ ދަނޑުގައި ވާޑާ ބްރޭމަން އާ ބައްދަލުކުރި މެޗުން ދެ ލަނޑު ސުން ލަނޑުން ބަލިވެފައެވެ.

މި މެޗުގައި ބަރޭމަންގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޮމާނޯ ޝުމިޑް އާއި ޖަސްޓިން އެންޔިންމާއެވެ.

މި ކާމިޔާބީއާއެކު ބްރޭމަން އުޅެނީ 33 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. އަދި ލެވަކޫސެން ދެވަނަގައި އުޅެނީ 53 ޕޮއިންޓާއެކުއެވެ.

ބަޔާން އާއި ލެވަކޫސެން އަންނަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ތިން ލަނޑު ސުން ލަނޑުން ބަޔާން ކާމިޔާބު ކޮށްފައިވާއިރު މި ހަފުތާގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ލެވަކޫސެންގެ ދަނޑުގައެވެ.