ސީދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި، މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާތައް ދެމުންގެންދާ ކަމަށް އަނެއްކާ ވެސް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރައްވަމުން ގެންދަވާ މީހުންގެ ތެރެއިން ވަކި ބަޔަކަށް އަމާޒުކޮށް ފުލުހުން ގާނޫނާއި ގަވާއިދާއި ޚިލާފަށް އަނިޔާތައް ދެމުންގެންދާ ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނަނީ ރޭގެ މުޒާހަރާގައި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދަށާއި ރައީސް ނަޝީދުގެ އެގްޒެކްޓިވް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އަށް އަމާޒުކޮށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ ރޭގެ މުޒާހަރާގައި ވެސް ސުލްހަވެރިކަމާ އެކު އިހްތިޖާޖް ކުރަމުން ގެންދަނިކޮށް ފުލުހުން މީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީން އެމީހުންނަށް ލިބިފައިވާ ހައްގުތަކަށް ބެލުމެއް ނެތި އަނިޔާވެރިކޮށް ކަމަށެވެ. އަދި މިހާތަނަށް ހައްޔަރުކޮށްފައިވާ ހުރިހާ މީހުން ދޫކޮށްލުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައްވާފަ އެވެ.

އެމްޑީޕީން އެހެން ބުނާ އިރު ރޭ އެމްޑީޕީން ކުރި މުޒާހަރާގެ ބައިވެރިން ތިން ފަހަރެއްގެ މަތިން ވަނީ ފުލުހުންގެ ބެރިކޭޑުތައް ނަގައި ފޮރުވައިފަ އެވެ.

ބެރިކޭޑުތައް ނެގުމުން ފުލުހުން ވަނީ މުޒަހާރާގެ ތެރެއަށް ވަދެ ބެރިކެޑުތައް އަތުލައި އެކަމާ ގުޅިގެން ބައެއް މީހުން ހައްޔަރު ވެސް ކޮށްފަ އެވެ.

ފުލުހުން ބުނީ އެމްޑީޕީން ބެރިކޭޑުތައް ގެންދިޔުމުން އެތަކެތި ނަގަން މުޒާހަރާގެ ތެރެއަށް ފުލުހުން ވަނުމުން މުޒާހަރާގެ ބައިވެރިއަކު އެއްލި ޕޭމަންޓު ގަލަކުން ފުލުހެއްގެ މޫނުމަތީގައި ޖެހި ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ.

ރޭގެ މުޒާހަރާގައި އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންނާ ދިމާލަށް ވަރަށް ހަޑިހުރު ބަހުން އެއްޗިހި ކިޔާ ފައިވާ އިރު ފުލުހުންގެ ބެރިކެޑުތައް ދުރުކުރުމަށް ފަހު ފުލުހުންގެ ސެކިއުރިޓީ ލައިންގެ ތެރެއަށް ވެސް ވަދެފައިވެ އެވެ.

ޝިފާއާއި ޒިޔައްޓޭގެ އަށް އަމާޒުކޮށް ޕެޕަސްޕްރޭ ޖެހިކަމަށް އެމްޑީޕީން ބުނެފައިވާއިރު ފުލުހުން އެކަން ދޮގުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެއްވެސް މީހަކަށް އަމާޒުކޮށްގެން ޕެޕަސްޕްރޭ ޖެހުމަކީ ފުލުހުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަށް އެފަދަ މައްސަލައެއް ފާހަގަ ކުރެވޭ ނަމަ އެ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހެޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.